Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ޕެޓިޝަނުގައި މޭޔަރުގެ ސޮއި؛ އެންމެ ރަނގަޅު ގޮތްތަ؟

އައްޑޫގެ މޭޔަރު އަލީ ނިޒާރު ޕެޓިޝަނުގައި ސޮއިކުރަނީ

އައްޑޫގައި އެންމެ ފަހުން ފެންމަތިވި މައްސަލައަކީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އުޅޭ މައްސަލަ އެވެ. މި މައްސަލައިގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންނަށް މައްސަލަ ހުށައެޅިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހައްޔަރި މީހާއާ ގުޅިގެން ބައެއް މީހުންގެ ނުރުން އައީ ފުލުހުންގެ މުވައްސަސާއަށެވެ.

އުމުރުން ދުވަސްވީ އަންހެން މީހާއަކީ އެކަން ކުރި މީހާ ކަމަށް "ގަބޫލު ނުކުރިވިގެން" ބައެއް މީހުން އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފިއެވެ. ނުވިތާކަަށް އެންމެފަހުން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިހުރި މީހާ ދޫކޮށްލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ. އޭގައި ސިޔާސީ މަގާމުތަކަށް އިންތިހާބުވެފައި ތިބި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވެސް ސޮއިކޮށްފި އެވެ. އެކަމު އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ތޯ ސުވާލު އުފެދެއެވެ. ކޯޓު އަމުރެއް ބާތިލްކުރަން ޕެޓިޝަނެއްގައި އެއްވެސް ބޭނުމެއް އެބަ އޮތް ހެއްޔެވެ.

މި ޕެޓިޝަނުގައި 3،000 މީހުން ސޮއިކޮށްފައިވާއިރު، މި ޕެޓިޝަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމްގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް ވެސް މި ޕެޓިޝަން ވަނީ ހުށަހަޅާފަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ދޭން ޖެހޭ އެއްބާރުލުން ނުދޭނަމަ މިއިން ރަނގަޅު ނަތީޖާއެއް ނިކުމެދާނެ ހެއްޔެއެވެ. އަންހެން މީހާ ބަންދުގައި ހުރުމުގައި ގާނޫނީ މައްސަލައެއް އޮތްނަމަ ނުވަތަ ސާފުކުރަން ޖެހޭ ކަމެއް އޮތް ނަމަ އެކަން ހައްލުކޮށް ސަމާލުކަމަށް ގެނަން ޖެހޭ ގާނޫނީ ސާފު މަގު ދޫކޮށްލާ ކޯޓުން ނެރުނު އަމުރެއް ބާތިލްކުރަން ގޮވާލާ ޕެޓިޝަން ހެދުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އެއިން ނިކުންނާނެ މާބޮޑު ނަތީޖާއެއް ނޯންނާނެތީ އެވެ.

ތަހްގީގަށް ބަންދުގައި ހުރި މީހަކު ދޫކޮށްލުމުގައި އެރަށެއްގައި ތިބި ބަޔަކު ދެކޭ ގޮތައް ރިއާޔަޔްކުރާކަަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ކޯޓުން ރިއާޔަތްކުރަން ޖެހެނީ ގާނޫނީ ނުކުތާތަކަށެވެ. އެ އަންހެން މީހާގެ ފަރާތުން ގާނޫނީ ގޮތުން ފާހަގަކުރަން ޖެހޭ ނުކުތާތައް ދަށުކޯޓުގައި އާއި ހައިކޯޓުގައި ފާހަގަ ކޮށްފިއެވެ. އަދި އެ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށްވެސް އެ އަންހެން މީހާގެ ގާނޫނީ ވަކީލުން ހާޒިރުވެ ވާހަކަ ދައްކައިފި އެވެ. ކަން އެގޮތައް ހިނގަމުންދަނިކޮށް ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ނިކުމެ ޕެޓިޝަނެއް ސޮއިކޮށް މުވައްސަސާތަކަށް ހުށައެޅީ ވަކި ބަޔަކު ހިތްހަމަ ޖައްސާލަން ކަމަށްވެދާނެ އެވެ. އެހެން ވިއަސް އެގޮތައް ޕެޓިޝަނެއް ހުށައަޅާ އެމީހާ ދޫކޮށްލަން ބުނަމަކީ ނުފޫޒު ފޯރުވަން ކުރިކަމެއް ގޮތުގައި ދެކުމުގެ ފުރުސަތު ލިބެ އެވެ.

ޖިންސީ ނގޯނާކުރީ އަންހެން މީހާ ކަމަށް ކުއްޖާ ބުނަނިކޮށް ތަހްގީގު ނުކޮށް ދޫކޮށްލަންވީތަ؟
ޖިންސީ ގޯނާކުރީ ސްކޫލްގެ މަސައްކަތު މީހާ ކަމަށް ކަމާބެހޭ އިދާރާއިން ނެގި ބަޔާނެއްގައި ކުއްޖާ ބުނަމުންދަނިކޮށް ތަހްގީގަށް އެ އަންހެން މީހާ ބަންދު ނުކޮށް ދޫކޮށްލަންވީ ހެއްޔެވެ. އާއްމުން ދެކޭގޮތުގެ މައްޗަށް ނުވަތަ އެ އަންހެން މީހާގެ މޫނަަށް ބަލައި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތައްވެދާނެ ހެއްޔެ އެވެ. ކުއްޖާގެ މެޑިކަލް ރިޕޯޓުން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގިހުރެ ތުހްމަތައް މީހަކު ބަންދު ނުކުރުމަކީ އެއީ ރަނގަޅު ގޮތަކަށްވެދާނެ ހެއްޔެ އެވެ. އެ ކުއްޖާ ވަކި މީހެެއް ކަމަށްބުނާ ނަމަ އެމީހާ ދޫކޮށްލާފައި ބެހެއްޓުމަކީ އެމީހާ ފިލަން ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަން ލިބޭ ފުރުސަތަކަށް ނުވާނެ ހެއްޔެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރަން ޖެހޭނީ ކިހާ ހިސާބަކަށް ދިޔައީމަތޯ އެ ޕެޓިޝަނުން ބުނެދެވިދާނެ ހެއްޔެ އެވެ.

ތަހްގީގަކަށް މީހަކު ބަންދު ކުރުމަކީ އަދި އެމީހާ އެކަން ކުރިކަން ސާބިތުވުމެއްވެސް ނޫނެވެ. ތަހްގީގުން އެމީހާގެ މައްޗަށް ހެއްކެތް ނެތްކަން އެނގި ދޫކޮށްލިޔަސް އެ އަންހެން މީހާ ކުށެއް ނެތްކަން އެނގުނީ އެވެ. އެހެން ކަމުން މިވަގުތަކީ ތަހްގީގުގެ ކުރީކޮޅު ކަމުން މި ވަގުތު ސިޔާސީ ފަރާތްތަކުން އެކަން އެހެން ގޮތްގޮތުން ހަލަބޮލިކޮށްފި ނަމަ އެ އަންހެން މީހާ ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ދޫކޮށްލިޔަސް އެއީ ސިޔާސީ ނުފޫޒާހުރެ ދޫކޮށްލީ ކަމަށް ބައެއް މީހުނަށް ދެކުމުގެ ފުރުސަތު އޮންނާނެ އެވެ.

މި މައްސަލައިގެ ތަހްގީގު ހިނގަމުންދާއިރު ތުހްމަތު ކުރެވޭ އެހެން ފަރާތެއް ވާނަމަ އެ ފަރާތެއްގެ މައްސަލަ ތަހްގީގުކޮށްދިނުމަށް މުވައްސަސާތަކަށް ހުށައެެޅުމަކީ މައްސަލައެއްް ނޫނެވެ. ނަމަވެސް ބަންދުގައި ހުރި މީހާކު ދޫކޮށްލަން އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ޕެޓިޝަން ހަދަންވެއްޖެ ނަމަ އެ ދައްކަދެނީ ރީތި ނަމޫނާއަކަށްނުވެދާނެ އެވެ. އަދި މާދަންވެސް އެ އަންހެން މީހާ ދޫކޮށްލަން ޖެހޭ ގާނޫނީ ސަބަބެއް އޮވެގެން ކޯޓުން ދޫކޮށްލި ނަމަވެސް އެކަން އެގޮތައް ކުރީ މޭޔަރާއި ޑެޕިއުޓީ މޭޔަރާ ހިމެނޭހެން ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށް ހުށައެޅީމަ ކަަމަށް އާއްމު ރައްޔިތުންނަށް ގަބޫލު ކުރެވެން ފަށާފާނެ އެވެ. އޭރުން ކޯޓުން ނިންމާ އިންސާފުވެރި ނިންމުމާމެދު ސުވާލު އުފައްދަން އެ ހުޅުވާލަދެވެނީ އާ ދޮރެކެވެ.

އަންހެން މީހާ ބަންދުކުރުމުގެ އިޖްރާއަތް ދިޔައީ ކިހިނެތް؟
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިތަދޫއިން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެކަން ކޮށްފައިވަނީ ގާނޫނުގައި ބުނާ އިޖްރާއަތްތަކާ އެއްގޮތަށެވެ.

އަންހެން މީހާ ބަންދުގައި ބަހައްޓަން ބުރަދަނެއް އޮތް ހެއްކެތް އެބަ އޮތްތަ؟
އުމުރުން ދުވަސްވީ އެމީހާ ބަންދުކޮށްގެން ގެންގުޅެނީ ފްރޭމްކޮށްގެން ކަމަށްބުނާ ބުނުން ފިޔަވާ މިހާތަނަށް އެއްވެސް ހެއްކެތް އަދި ފެންމައްޗެއްނުވެއެވެ. ނަމަވެސް އެ އަންހެން މީހާ ބަންދު ކުރަން ކޯޓުން އަމުރު ނެރުނީ ފުލުހުން އެ ކުޑަކުއްޖާގެ މަންމަ ފުލުހުންނަށް ހުށައެޅި މައްސަލައެއްގަައި އެ ކުއްޖާ ބުނުމުގައި ވަކި މީހަކު ބުނާތީއެވެ. އަދި އެ އަންހެން މީހާގެ ބަންދުގެ މުއްދަތު ކޯޓުން ޖެހުމުގެ ކުރިން ފުލުހުން ވަނީ ކުޑަ އަންހެން ކުއްޖާގެ ބަހެއް އިޖްރާއަތްތަކާއެއްގޮތައް ނަގާފަ އެވެ. ކޯޓުއަމުރެއްގެ ދަށުން އެ އަންހެން މީހާ ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރު ތެރޭގައި އެ ކުއްޖާގެ ބަޔާނެއް ފުލުހުން ނަގާފައިވެ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ކޯޓުގައި އެދުމުގެ މަތިންނެވެ. އަދި އެ އަމުރު ނެރުމުގައި ކުއްޖާ ދީފައިވާ ދައްކާފައިވާ ވާހަކަތަކަށް ކޯޓުން ބުރަދަނެއް ދީފައިވެ އެވެ.

ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު އަންހެންފުޅާކޮށް ލިބިދީފައިވޭ
މި މައްސަލައިގައި ހައްޔަރުކޮށްފައިހުރި އަންހެން މީހާއަށް ގާނޫނީ އެހީތެރިކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދިޔައީ ލިބިދިނުމުގެ ހައްގު ދެމުންނެވެ. އެގޮތުން ބަންދާމެދު ގޮތެއް ނިންމަން ކޯޓުން ބޭއްވި އަޑުއެހުމުގައި އާއި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ އަޑުއެހުމުގައި ގާނޫނީ ވަކީލަކު އެ އަންހެން މީހާ ތަމްސީލްކުރި އެވެ. އެހެން ކަމުން އެ އެ އަންހެން މީހާއަށް ގާނޫނީ ފުރިހަމަ އެހީތެރިކަން މިހާރުވެސް ލިބެމުންދާއިރު ހައްގެއް ލިބިދިނުމުގައި އުނިކަމެއް އައިސްގެން އެކަން ގާނޫނީ ވަކީލުން ބޭރުގައި ހާމަކޮށްފައެއް ނުވެއެވެ.

ކޯޓު އަމުރަކުން ބަންދުގައި ހުރި މީހަކު ދޫކޮށްލަން ޕެޓިޝަނުގައި ސޮއިކުރުން އެއީ ރީތި ނަމޫނާއެއް ތޯ ސުވާލު އުފައްދާ ސަބަބުތައް އެބަ ހުއްޓެވެ. ބަންދުގައި ހުރި މީހާއަކީ އެކަން ކުރި މީހާކަމަށްނުވެދާނެ އެތައް ސަބަބެއް އެބަހުއްޓެވެ. އަދި އެ އަންހެން މީހާއަކީ އެފަދަ މީހެއް ނަމަ އެކަން އެނގޭނެ ހެކިތަކެއް ފާއިތުވި ދިގު މާޒީގައި ފެންނަންވެސް ޖެހެ އެވެ. އަދިވެސް އެ އަންހެން މީހާގެ ދިފާއުގައި ދެއްކޭނެ ވާހަކަތައް އެބަ ހުއްޓެވެ. ނެތީ ގާނޫނީ ބުރަދަނެވެ. އެ ކުއްޖާ ބުނާ ބުނުމުން ދޮގުކުރާނެ އިތުރު ހެއްކެތް ނެތި އެ އަންހެން މީހާ ދޫކޮށްލަން އެދުމަކީ ފުލުހުންނަށްވެސް އަދި ޕީޖީއަށްވެސް ކުރަން އުނދަގޫ ކަމަކަށްވާނެއެވެ.
ތަހްގީގު މަރުހަލާއަށް މީހަކު ބަންދުގައި ބެހެއްޓުމަކީ ކުށެެއް ނޫނެވެ. އަދި ކޯޓުން ނެރޭ އަމުރެއް ބާތިލް ކުރެވޭނީވެސް އޭގެ މަތީ ކޯޓަކުންނެވެ. މި މަރުހަލާގައި ކޯޓުން ނެރުނު އަމުރު ބާތިލްކުރަން އެނގުމުގެ ބާރު އެހެން އެއްވެސް މުވައްސަސާއަކަށް ލިބިގެންނުވެ އެވެ. އެކަން މިވަގުތު އޮތީ ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އަތްޕުޅުގެ މަތީގަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ނިމި ދެން އޮތީ ހުކުމް ކަމަށްވާއިރު މި ޕެޓިޝަނުން ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ކޯޓުން ބަލާނީ މައްސަލައިގައި އަމަލުކޮށްފައިވާ އިޖްރާއަތްތަކަށެވެ. މި ނޫން މަގަކުން އެކަން ކުރަން ވެރިންނަށް ތިބޭ ބަޔަކު އިސްނަގަން ވެއްޖެނަމަ އެކަމުން އެހެން ނުބައި ނަތީޖާއެއް ނިކުމެދާނެ އެވެ.