Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް ކަރަންޓު ދީފި

ކަރަންޓު ކެނޑުނު ހުރިހާ ހިސާބުތަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެވި، މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ލިބިނުލައްވާނަމަ 104 ނަމްބަރަށް ގުޅުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

މާލެއާ ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވަނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑިގެންނެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ވަނީ ގުޅާލާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.