Last Updated: May 27, 17:26
Friday, May 27, 2022
ޚަބަރު

ތިލަފުށީގައި ކުނި މެނޭޖްކުރާ ގޮތް ބަލައިފި

ކުނި މެނޭޖްކުރަމުގެ މަސައްކަތް ތިލަފުށީގައި ކުރިއަށްދާ ގޮތް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ބައްލަވާލައްވައިފި އެވެ.

މިނިސްޓަރުގެ މި ޒިޔާރަތުގައި ވަނީ ތިލަފުށީގައި ކުނިމެނޭޖް ކުރުމަށް ދިމާވަމުން އަންނަ ދަތިތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުއްވައިފަ އެވެ.

ޝައުނާ ވިދާޅުވީ، ރިސޯޓްތަކުން ގެނެވޭ ކުނިވެސް މެނޭޖްކުރެވޭނެ އިންތިޒާމްތައް މިހާރު ތިލަފުށީގައި ހުންނާނެ ކަމަށާއި އެ ރަށުން އަރަމުން ދިޔަ ދުން ހުއްޓުވުމަކަށް ގެނެވިފައިވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މީގެ ކުރިން އޮތީ ކުނި ޖަމާކުރުމުގެ އުސޫލު ކަމަށާއި، ކުނިން އާމްދަނީ ހޯދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެކަނަކު ކުނީގެ މައްސަލަ ހައްލު ކުރަމަށް މިހާރު މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި އެމަސައްކަތުގެ ތެރެއިން ކުނި ވަކިކޮށްފައި ބަހައްޓާނެ ތަންތަން ވެސް ދެން ހުންނާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނެޖްމެންޓް ސެންޓަރު ގާއިމް ކުރެވޭނެ ކަމަށާއި ރ. ވަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޖޫން މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ތިލަފުށީގެ ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާސްޓްރަކްޗަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އައްޑޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެސް މި އަހަރު އޮޕަރޭޓްކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ތިލަފުށި ބޮޑުކުރަން މިހާރު ވަނީ 150 ހެކްޓަރުގެ ބިން ވެސް ހިއްކަން ނިންމައި އެކަން ކުރާނެ ބަޔަކު ހޯދަން ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.