Last Updated: April 23, 23:56
Tuesday, April 23, 2024
މީހުން

ގަރުނެއްވީ "ފެޝަން އައިކޮން" އެއް

އުމުރުން 100 އަހަރުވީ މީހަކު "ފެޝަން އައިކޮން" އެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެއްޔެވެ؟ ފަހަރުގައި ބައެއް މީހުން ބުނެފާނެ އެވެ، އޭނަގެ ސްޓައިލް މިހާރުގެ މީހުންނަށް ކަމަކުނުދާނެ އެވެ. އެކަމަކު ހަގީގަތުގައި މި ފެޝަން އައިކަން އަށް ބާވުމެއް، މުސްކުޅިވުމެއް ނެތެވެ. ފެޝަން ޑިޒައިންގައި އޭނަގެ ކުލަ ގަދަވެފައި އޮމާނެވެ.

މިއީ މި އަހަރުގެ 29 ގައި 101 އަހަރު ފުރޭނެ އެމެރިކާގެ "ފެޝަން އައިކޮން" އައިރިސް އެޕްފެލް އެވެ. އޭނަ އަކީ އިންޓީރިއާ ޑިޒައިނާއި އޭގެ ވިޔަފާރީގެ ތެރޭގައި ވެސް މަޝްހޫރު މީހެކެވެ. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ނިއު ޔޯކްގެ މި މީހާގެ ދިިރިއުޅުން ވަރަށް ކުލަގަދަ އެވެ. ވަރަށް ހަރަކާތްތެރި އެވެ. އެހެންވެ ފަސްއެނބުރި ބެލުމެއް ނެތެވެ. އޮތީ ކުރިއަށް ދިއުމުގެ ހިތްވަރާއި ޖޯޝާއި ފޯރި އެވެ.

"ޓުޑޭ" އަށް ދިން އިންޓަވިއުއެއްގައި ވެސް ބުނީ މަސައްކަތުން ދުވަހަކު ބެސް ރިޓަޔާވުމެއް ނެތް ކަމަށެވެ.

"މަރުވަންދެން ވެސް އަހަރެން އުޅޭނީ ހަމަ މަސައްކަތުގައި. އެ ނޫން ގޮތަކަށް އަހަރެން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ." 2015 ގައި ފިރި މަރުވެފައިވާ އައިރިސް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި މަސައްކަތަކީ އަބަދު ވެސް އެންމެ ބޮޑު ލޯތްބެވެ. އަދި އެންމެ ގަޔާވާ ކަމަކީ ވެސް މަސައްކަތުގެ ތެރޭގައި ބިޒީކޮށް އުޅުން ކަމަށް ބުންޏެވެ.

"އަހަރެން މަސައްކަތްކުރާތީ އެތައް ބަޔަކަށް އާމްދަނީ ވެސް. އެހެންވެ ވަރަށް ގިނަ ބަޔަކު ބުނަން ވެސް ބުނާނެ އަހަންނަކީ އެ މިހުންނަށް އިންސްޕިރޭޝަނެކޭ." ދަރިޔަކު ނެތް އައިރިސް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ކެރިއަރުގައި މިހާތަނަށްވެފައި ހުރީ ވެސް ރަނގަޅެވެ. އެހެންވެ އެއްވެސް ހިސާބެއްގައި މަސައްކަތްތަކާ ދުރުވެ، ދެއަތް އުރާލައިގެން ހުރުމުގެ ފިކުރެއް ނުގެންގުޅޭ ކަމަށް ބުންޏެވެ.

"ސަތޭކަ އަހަރުވުމަކީ ބުރަކި ޖެހެންވީ ސަބަބެއް ނޫން. އަހަރެން ހަމަ މި ހުރީ އަހަރެންގެ ގޮތުގައި. ތަފާތަކީ އުމުރުގެ ނަމްބަރަށް ބަދަލު އައުން،" އައިރިސް ބުންޏެވެ. "އަހަރެންގެ ހިތާއި މަސައްކަތާ އޮންނަ ގުޅުން ވަރަށް ބޮޑު. އަހަންނަކީ އެއް އިރެއްގައި ވެސް ވަކި މީހަކު އުޅޭ ގޮތަކަށް އުޅެން ބޭނުންވި މީހެއް ނޫން. ބޭނުންވީ ހަމަ އަމިއްލަ ގޮތުގައި ކުރިއަށް ދާން. މިހާ ޒަމާން ވަންދެން މިކަމުގެ ތެރޭގައި އުޅެވުމުގެ ސިއްރަކީ ވެސް އެއީ."

އެކަމަށް ހެކިދޭ އެއް ކަމަކީ ދާދި ފަހުން ވެސް މަޝްހޫރު ފެޝަން ކުންފުނި، އެޗްއެންޑްއެމް އަށް އޭނަގެ ކަލެކްޝަނެއް ތައްޔާރުކުރުމެވެ. ފެޝަނުގެ ދުނިޔޭގައި އައިރިސްގެ ހާއްސަ ކަމަކީ އޭނަ ގެންގުޅޭ ގަދަ ކުލަތަކެވެ. "ފަންކީ" ސްޓައިލެވެ.

އައިރިސް ބުނީ އުމުރުން ކިތަންމެ ދުވަހެއް ވިޔަސް، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ވަކި ހާއްސަ ކަމެއް ނުކުރާ ކަމަށެވެ.

"އެކަމަކު އަބަދު ވެސް ރަނގަޅު ޑައިޓެއް ގެންގުޅުމާއި ކަސްރަތުކުރުމަކީ އަހަރެން އިސްކަންދޭ ކަމެއް،" އޭނާ ބުންޏެވެ. "ދެން އުމުރުން މިހާ ދުވަސްވީމަ މިހާރު ޖެހޭ ކުރިން ކެއި ވަރަށް ގިނަ އެއްޗިއްސާ ދުރުވާން. އަސްލު އަހަރެންގެ ހުރިހާ ވެސް އެއްޗަކީ އެޓިޓިއުޑޭ ބުނެވިދާނެ."