Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ނަބީހަށް އިސްލާމިކް މިނިސްޓަރު ހިތްވަރު ދެއްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، އަލްޙާފިޡް އަހުމަދު ނަބީހަށް މަރުޙަބާ ވިދާޅުވެ، ހިތްވަރު ދެއްވައިފި އެވެ.

މި ރަމަޟާން މަހުގެ 1-14 އަށް ދުބާއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރުމަށް ފަހު ނަބީޙް ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ނަބީޙަށް މަރުޙަބާ ކިޔުމަށް މިނިސްޓަރުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓަރު ޒާހިރު، އަލްޙާފިޡް އަޙްމަދު ނަބީޙާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާ ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ނަބީޙް ރާއްޖެ ތަމްސީލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ނަބީޙަށާއި ނަބީޙުގެ މަންމައަށް މަރުޙަބާ ވިދާޅުވިއެވެ.

އެ މުބާރާތުގެ އެންމެ ފަހު ބުރުގައިވެސް ނަބީޙު ކިޔަވައިފައިވާތީ އެއީ ވަރަށް އުފާކުރައްވާކަމެއްކަން ފާހަގަކުރައްވާ މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރު ވަނީ ނަބީޙަށް ހިތްވަރުދެއްވައިފަ އެވެ.

ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައިދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ.

ނަމަވެސް ނަބީޙަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށްވާތީ ނަބީޙުގެ މަންމައާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ގިނަ ކުންފުނިތަކާއި މީގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.