Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ކުރެހުން ވަގަށް ނެގުމުން ޝިމްހާގަށް ކާމިޔާބު

ރާއްޖޭގެ ކުރެހުންތެރިއެއް ކަމަށްވާ ސަލީ ޝިމްހާގްގެ ޑިޖިޓަލް ކުރެހުމެއް އެމެރިކާގެ މިއުޒިޝަނެއް ކަމަށްވާ އާރޮން ކާޓާ މީގެ ތިން އަހަރު ކުރިން ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާ ޝިމްހާގަށް ކާމިޔާބުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކްގެ ލޯ ފާމެއް ކަމަށްވާ ލީބޯވިޒް މެދުވެރިކޮށް އާރޮންގެ މައްޗަށް ދައުވާކުރަން އެތަނުގެ ކޯޓަކަށް ހުށަހެޅީ މެއި 5، 2020 ގަ އެވެ. އެ ކުރެހުން ވަގަށް ނެގި މައްސަލާގައި ޝިމްހާގު ވަކީލުންގެ ގޮތުގައި މަސައްކަތްކުރެއްވީ ހަމްޒާ ޚަލީލާއި އައިޝަތު ޝައިފާ ޝާހިދެވެ.

އާރޮން އަށް ކުރި ދައުވާ ޝިމްހާގަށް ކާމިޔާބުވެ، އޭނަގެ ފިކުރީ މުދަލަކަށް އަރައިގަތް މައްސަލަ އާރޮންގެ މައްޗަށް ސާބިތުވުމުން ޝިމްހާގަށް ވަނީ ބަދަލެއްގެ ގޮތުގައި ފައިސާ ވެސް ލިބިފަ އެވެ. އެކަން އޭނާ ކަށަވަރުކޮށް ދިން ނަމަވެސް ފައިސާ ލިބުނު އަދަދެއް ހާމައެއްނުކުރެ އެވެ. ގެއްލުމުގެ ބަދަލަށް ލިބުނު ފައިސާގެ އިތުރުން އާރޮންގެ އަތުން ވަނީ ޝިމްހާގުގެ ވަކީލުންގެ ފީ ވެސް ނަގައި ދީފަ އެވެ.

ދައުވާ ކާމިޔާބުވުމާ ގުޅިގެން ޝިމްހާގް ވަނީ ވަކީލުންނަށާއި ސޯޝަލް މީޑިއާގައި އޭނަ އަށް ހިތްވަރު ދިން އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ސިންގާއެއްގެ މޫނު ސިފަކޮށްދޭ ގޮތަށް ޝިމްހާގް އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި ކުރެހުން އާރޮން ވަގަށް ނަގައި، އޭނަގެ އެކިއެކި ޕްލެޓްފޯމްތަކުގައި އެ ބޭނުންކޮށްފައިވެ އެވެ. އެކަން ޝިމްހާގްގެ ސަމާލު ކަމަށް އައިސް ވާހަކަ ޓްވިޓާގައި ހިއްސާކޮށް، އެތައް ބަޔަކު އާރޮން ޓެގްކޮށް އެއްޗެހި ކިޔައި "ވަގަށް ގޮވަން" ފެށުމުން އޭނާ ފަހުން އެ ޑިލީޓްކުރި އެވެ.

އައްޑޫ ފޭދު އަށް ނިސްބަތްވާ ޝިމްހާގް ބުނި ގޮތުގައި އެ މައްސަލާގައި ދައުވާކުރަން ބޭނުންވީ ރާއްޖޭގެ އާޓިސްޓުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ގޮތުންނެވެ. އަދި އެކަން ކާމިޔާބުވުމަކީ ރާއްޖޭގެ ފަންނުވެރިންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވަކީލުން ވެސް ފާހަގަކުރެއްވި އެވެ.

އާރޮންގެ މައްޗަށް ޝިމްހާގް ކުރި ދައުވާ އަކީ ރާއްޖޭން ބޭރުގެ ކޯޓެއްގައި ކުރި މިފަދަ ދައުވާއެއް ކާމިޔާބުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.