Last Updated: June 10, 10:27
Tuesday, June 10, 2025
މުނިފޫހިފިލުވުން

އާލިއާގެ "ގަންގޫބާއީ" 26 ގައި ނެޓްފްލިކްސް އަށް

މި އަހަރުގެ މިހާތަނަށް ހިންދީ ސިނަމާ އައި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އާލިއާ ބަޓްގެ "ގަންގޫބާއީ ކަތިއަވާޅީ" މި މަހުގެ 26 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ކުރިން ވެސް ނިންމާފައި އޮތީ ސަންޖޭ ބަންސާލީ ޑައިރެކްޓްކުރި ފިލްމު ސިނަމާތަކުގައި ދެއްކުމަށް ފަހު، ނެޓްފްލިކްސް އަށް ގެންނާށެވެ. ފެބްރުއަރީ މަހުގެ 25 ގައި ރިލީޒްކުރި "ގަންގޫބާއީ" އަކީ ބޮކްސް އޮފީހުގައި 196.86 ކްރޯޑް ރުޕީސް (25.8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

މި ފިލްމު ހެދީ ގާތްގަނޑަކަށް 160 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

އާލިއާގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔަ އަދި ކްރިޓިކުންނާއި ބެލުންތެރިންގެ ތައުރީފު ވެސް އޮހުނު "ގަންގޫބާއީ" އަކީ 1960 ގެ ތެރޭގައި ހަށިވިއްކުމުގެ ތެރޭގައި އުޅުނު ނުފޫޒު ގަދަ މާފިއާ ކްއީންއެއް ކަމަށްވާ ގަންގޫބާއީގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ.

މީގެ ވަރަށް ހާއްސަ ރޯލެއް އަޖޭ ދޭވްގަން ވެސް ކުޅުނު އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒް، ސީމާ ޕަހްވާ އަދި ޝަންތަނޫ މަހޭޝްވަރީ ހިމެނެ އެވެ.