Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

އައްޑޫ ބިން ހިއްކާނީ ވަރަށް ބޮޑަށް ބަލައިގެން: ވެން އޫޑް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނީ ތިމާވެއްޓަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް ކުންފުނިން ބުނެފި އެވެ.

އެތަނުގެ ވެބް ސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި މަޝްރޫ އަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަށްވާތީ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާގެ މަތިން ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ވެން އޫޑްގެ ޑިރެކްޓަ ޑްރެޖިން ނީލްސް ޑި ބްރޫޖިން ވިދާޅުވީ އައްޑޫ ބިން ހިއްކާނީ ފަރުތަކާއި ކަނޑުފަޅުގެ އެއްވެސް ދިރުމަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.

"އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އަހަރެމެންނާ އެކު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކޮރަލް ސްޕެޝަލިސްޓުން ބައިވެރިވާނެ،" އޭނާ ވިދާޅުވި އެވެ. "މިފަދަ މަސައްކަތެއް ދެހާސް ސޯޅައިގައި އަހަރެމެން ހިންމަފުށީގައި ވެސް ކުރިއަށް ގެންދިޔައިން. އެހެންވީމަ އޭގެ ތަޖުރިބާ ވެސް އައްޑޫ ބިއްކަން ބޭނުން ކުރެވޭނެ."

އައްޑޫގެ ބިން ހިއްކުމަށްޓަކައި ގެންނަން ހަމަޖެހިފައި ވަނީ ވެން އޫޑްގެ އެޗްއޭއެމް 318 ޑްރެޖަރެވެ. މަސައްކަތުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި މަހުގެ ކުރީކޮޅު ވެން އޫޑްގެ އޮފިޝަލުންތަކެއް އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި ވެން އޫޑް އިން ދިން އެންމެ ބޮޑު ޔަގީން ކަމަކީ ވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަން މަސައްކަތްކުރާނެ ކަމެވެ.

ބިއް ހިއްކުމުގެ 150 އަހަރުގެ ތަޖުރިބާ ހުރި ވެން އޫޑްއާ އައްޑޫ ބިން ހިއްކަން ހަވާލުކުރީ މިދިޔަ މަހުގެ 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

* އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ

މިއީ އައްޑޫގައި ބިން ހިއްކަން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެވެ. ކައުންސިލުން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑު އަށް އޮތް ބިމުގެ ދަތިކަން ކުރިއަށް 50 އަހަރަށް ހައްލުވާނެ އެވެ.