Last Updated: July 10, 06:03
Thursday, July 10, 2025
ވިޔަފާރި

ޓްވިޓާ އަކީ މިހާރު އީލޮންގެ އެއްޗެއް

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް އަށް ޓްވިޓާ ވިއްކައިލަން ނިންމައި އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.

އޭނާ އަށް ޓްވިޓާ ވިއްކައިލަން ނިންމީ 44 ބިލިއަން ޑޮލަރަށެވެ. މި މަހުގެ 14 ގައި ޓްވިޓާ ގަންނަން އީލޮން ހުށަހުޅުއްވީ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން ހަމަ އެއަގަށެވެ. ޓްވިޓާ ގަންނަން ހުށަހެޅުއްވުމުގެ ކުރިން އީލޮން އޭގެ 9.2 ޕަސެންޓް ހިއްސާ 2.89 ބިލިއަން ޑޮލަރަށް ބައްލަވައިގަތެވެ. އެއާ އެކު އޭނާވެގެން ދިޔައީ ޓްވިޓާގައި އެންމެ ގިނަ ހިއްސާ އޮތް ހަމައެކަނި ފަރުދަށެވެ.

އީލޮންގެ މި ކާމިޔާބީ އަށް ފަހު ޓްވިޓާ މިހާރު ވެފައި އޮތީ އޭނަގެ މިލްކަކަށެވެ. މީގެ 16 އަހަރު ކުރިން ވުޖޫދަށް އައި ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.

އީލޮން ޓްވިޓާ ގަންނަން ހުށަހެޅުމުން ފުރަތަމަ ޓްވިޓާގެ ބޯޑުން އެކަމާ ރުހޭ ކަމަކަށް ނުވެގެން ވަކި މީހެއްގެ "މުށުތެރެއަށް" ޓްވިޓާ ދޫކޮށްލަން ނުވާ ކަމަށް ބުނެ އެ ވިއްކައިލުމާ ދެކޮޅަށް "ޕޮއިޒަން ބިލް" އެއް ވެސް ފެންމަތިކުރި އެވެ. އެކަންކަމާ ވިއްދައިގެން އީލޮން ވިދާޅުވީ އޭނަ އަށް ޓްވިޓާ ވިއްކައިލާނެކަމާ ދޭތެރޭ ޝައްކު ކަމަށާއި އެހެންވެއްޖެ ނަމަ ޕްލޭން ބީއެއް ވެސް އެބައޮތް ކަމަށެވެ.

އެކަމަކު އޭނަ އަށް ޓްވިޓާ ވިއްކައިލަން ބޯޑުން ނިންމުމަކީ ވިޔަފާވެރިއެއްގެ ގޮތުގައި އަނެއްކާ ވެސް އީލޮން އަކީ ކިހާ ވަރުގަދަ އަދި ކިހާ ނުފޫޒު ގަދަ މީހެއްކަން ހާމަކޮށްދިން ކަމެކެވެ. ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެސް ވެރިޔާ ވިދާޅުވީ ޓްވިޓާ ގަންނަން ބޭނުންވީ ކުރިމަގުގެ ޑިމޮކްރަސީއަށްޓަކައި ހިޔާލުފާޅުރުމުގެ މިނިވަންކަން ޓްވިޓާގެ ތެރެއިން ހައްދެއް ނެތް މިންވަރަށް ދޫކޮށްލުމަށެވެ.

އީލޮންގެ މިލްކިއްޔާތު 264.6 ބިލިއަން ޑޮލަރަށް އަރަ އެވެ.

އިލޮން އަށް ޓްވިޓާ ވިއްކައިލަން ނިންމުމާ ބެހޭ ގޮތުން އޭގެ ސީއީއޯ ޕަރާގް އަގަރްވާލް ވިދާޅުވީ އެ ނިންމުމާ ދޭތެރޭ ފަހަރުވެވަޑައިގަންނަވާ ކަމަށެވެ.