Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވެލާކަހަނބުގެ ފޮޓޯ މުބާރާތެއް، އެއް ވަނަ އަށް 10،000ރ.

ރާއްޖޭގައި އުޅޭ ވެލަ އާއި ކަހަނބުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލަ އާއި ކަހަނބުގެ ފޮޓޯ ނެގުމުގެ މި މުބާރާތަކީ ޖޫން މަހުގެ 16 ގައި ފާހަގަކުރާ "ވޯލްޑް ސީ ޓާޓަލް ޑޭ" ފާހަގަކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ބާއްވާ މުބާރާތެކެވެ.

އެ މިނިސްޓްރީން ބުނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މާހައުލީ ނިޒާމުން ފެންނަ އެކި ވައްތަރުގެ ވެލާ ކަހަނބާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވައި، ވެލާކަހަނބު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދި ވެލާކަހަނބަށް ދިމާވާ ނުރައްކާތަކާއި އެ ތަކެތި ދެމިތިބުމަށް ދިމާވާ ގޮންޖެހުންތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ފޮޓޯގެ ޒަރީއާ އިން ވެލާކަހަނބުގެ ހާލަތު ބަޔާންކޮށް ދިނުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 26 އެވެ. މުބާރާތެހޭ އިތުރު މައުލޫމާއު ފޯމު ވެސް މިނިސްޓްރީގެ ވެބްސައިޓް environment@environment.gov.mv އިން ޑައުންލޯޑްކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ މުބާރާތަށް ހުށަހަޅާ ފޮޓޯތައް ހުންނަން ވާނީ މައިގަނޑު ތިން ދާއިރާއެއް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. އެއީ ވެލާކަހަނބު އެ ތަކެތީގެ މާހައުލުގައި އުޅޭ މަންޒަރާއި ވެލާކަހަނބަށް ދިމާވާ ނުރައްކާތައް ފެންނަ ގޮތުގެ އިތުރުން ރާއްޖޭން ފެންނަ އެކި ބާވަތްތަކުގެ ވެލާކަހަނބު ފެންނަ ގޮތަށެވެ.

މުބާރާތުގެ އެއް ވަނަ ފޮޓޯ އަށް 10،000ރ. ހުށަހަޅައިފަ އެވެ. ދެވަނަ އަށް 6،000ރ. އަދި ތިން ވަނަ އަށް 3،000ރ. ހުށަހަޅާފައިެވ އެވެ.