Last Updated: May 22, 08:31
Sunday, May 22, 2022
ޚަބަރު

ކުނިން ހަކަތަ އުފައްދާ ޕްލާންޓް ސެޕްޓެމްބަރަށް ނިންމަނީ

ކުނިން ހަކަތަ އުފައްދަން އައްޑޫގައި އިންސްޓޯލްކުރަމުން އަންނަ ޕްލާންޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރަށް ނިންމައިލެވޭނެ ކަމަށް އެންވަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މި ޕްލާންޓް އިންސްޓޯލްލުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. ރާއްޖޭން ބޭރުން ޑިޒައިންކޮށް އުފައްދާފައިވާ "ވޭސްޓް ޓު އެނާޖީ ޕްލާންޓް" އަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި އެއިން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ އެވެ.

އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެއިން އުފައްދާ ކަރަންޓްގެ ތެރެއިން އެއް މެގަވޮޓް އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓްދޭން ފެނަކަ އިން ހިންގާ މަރުކަޒީ އިންޖީނުގެއަށް ފީޑްކޮށްދޭނެ ކަމަށާއި ބާކީ 500 ކިލޯވޮޓް ބޭނުން ކުރާނީ ފެސިލިޓީގެ ބޭނުންތަކަށް ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓްރީ އާއި ފެނަކަ އާއި ވެމްކޯގެ އިތުރުން އީޕީއޭގެ ޓީމަކުން ވެސް މި ހަފުތާގައި ބަލާފައިވެ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެންޓީ85 އެވެ.

"ވޭސްޓް ޓު އެނާޖީ ޕްލާންޓް" އަކީ ގްރީން ޓެކްސް ފަންޑުގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއު އަށް 16 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.