Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

މެޓަ އިން ރިޓެއިލް ފިހާރައެއް ހުޅުވަނީ

މިދިޔަ އަހަރު މެޓަ އަށް ރިބްރޭންޑްކުރި ކުރީގެ ފޭސްބުކް ކުންފުނިން ހުޅުވާ ފުރަތަމަ ރިޓައިލް ސްޓޯރް އަންނަ މަހު ހުޅުވާ ގޮތަށް ނިންމައިފި އެވެ.

މިކަން އިއުލާންކޮށް އެ ކުންފުނިން ބުނީ "މެޓަ ސްޓޯރް" ގެ ނަމުގައި ހުޅުވާ ފިހާރަ އަންނަ މަހުގެ 9 ގައި ހުޅުވާނީ އެމެރިކާގެ ކެލިފޯނިއާގެ ބާލިންގޭގްމައި ހުންނަ މެޓަގެ ކެމްޕަހުގައި ކަމަށެވެ. މި ފިހާރައިން މެޓަގެ އެކި އުފެއްދުންތައް ކަސްޓަމަރުންނަށް ފިޒިކަލީ ތަޖުރިބާކޮށްލައި ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

އެގޮތުން މެޓަ އިން ނެރޭ ކްއެސްޓް ވީއާރް ހެޑް ސެޓާއި ޕޯޓަލް ވީޑިއޯ ކޯލިން ޑިވައިސް އާއި އިޓަލީގެ މަޝްހޫރު އައިނު ކުންފުނި، ރޭ-ބަންއާ ގުޅިގެން އުފައްދާ ސްމާޓްގްލާސް ފަދަ އުފެއްދުންތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލެވޭނެ އެވެ. މީގެ އިތުރުން މެޓަގެ ވާޗްއަލް ދުނިޔެ، މެޓަވާސްގެ އެކިއެކި ކަންކަން ވެސް ސީދާ "މެޓަ ސްޓޯރް" އިން ތަޖުރިބާކޮށްލެވޭނެ އެވެ.

މެޓައިން ބުނީ ރިޓެއިލް ސްޓޯރެއް އަންނަ މަހު ހުޅުވި ނަމަވެސް އެފަދަ ފިހާރަތައް އިތުރުކުރުމުގެ ޕްލޭނެއް މި ވަގުތު ނެތް ކަމަށެވެ. މެޓަވެފައި މި ވަނީ ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ހާޑްވެއާތަކަށް ހާއްސަ ރިޓެއިލް ފިހާރައެއް އެންމެ ފަހުން ހުޅުވަން ނިންމި ކުންފުންޏަށެވެ.

މިގޮތަށް ފިހާރަތައް ހިންގުމަށް ވުރެ ބޮޑަށް ކުންފުނިތަކުން މިހާރު އިސްކަންދެނީ އޮންލައިން ފިހާރަތަކަށެވެ. އަދި މި ބަދަލު ބޮޑަށް އަންނަން ފެށީ މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކީގަ އެވެ.