ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރު ކުރަން އިންޑިއާ އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިންޑިއާއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިންޑިއާ ސަރުކާރާއި އޮބްޒަވާރ ރިސަރޗް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ރައިޒީނާ ޑައިލޮގްގެ ހަވާސާގައި އެންވަޔަރަމަންޓް މިނިސްޓަރ އެ ޤައުމުގެ މުހިއްމު ވުޒާރާތަކުގެ ވަޒީރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
އެގޮތުން އިންޑިއާގެ މިނިސްޓަރ އޮފް ޕަވަރ އެންޑް ނިއު އެންޑް ރިނިވަބަލް އެނާރޖީ ކަމަށްވާ ރާޖް ކުމާރު ސިންގް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އިންޑިއާ އިން ހިންގުމަށް ހުށައަޅާފައިވާ ވަން ގްރިޑް ޕްރޮޖެކްޓާއި ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.
ޝައުނާ އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން އަޝްވިނީ ވައިޝްނަވާއި ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާ ފަދަ އެޑްވާންސްޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ޤައުމަކުން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝައުނާ ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންޑަރ ޔަޑަވް އާއި ބައްދަލުކުރައްވައިވެ އެވެ. މި މަޝްވަރާކުރެއްވުމުގައި "ކޮޕް26" އަށްފަހު އައި ކުރިއެރުމާއި "ކޮޕް27" އާއި ހަމައަށް ވާސިލުވާއިރު އެޑެޕްޓޭޝަނަށް ސަމާލުކަންދީގެން އިތުރަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މީގެ އިތުރުންވެސް މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި ހައި ކޮމިޝަނަރ ޑރ. ހުސެން ނިޔާޒާއި މިނިސްޓަރ ޝައުނާ ވަނީ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި "ފްރޮމް މައުންޓެން ޓު އޯޝަން: ހާރނެސިންގް ކޮމާރސް، ކަނެކްޓިވިޓީ އެންޑް ކްރިއޭޓިވިޓީ"ގެ ޕެނަލް ޑިސްކަޝަންގައި ބަވެރިވެވަޑައިގެން ޒުވާނުންގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާއި، އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިކޮނޮމީ ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އަދި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ފޮރ ރީޖަނަލް އިންޓަގްރޭޝަން އެންޑް އެންގޭޖްމެންޓް އިން ސައުތް އޭޝިއާ، ސެސީލް ފްރޫމަނާއިވެސް މިނިސްޓަރ ޝައުނާ ބައްދަލުކުރައްވާފައިވެ އެވެ.