Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ބީއެމްއެލްގެ ޗީފް އިންޓާނަލް އޮޑިޓަރަކަށް ބިދޭސީއެއް

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފި އެވެ.

ބިޝްވަޖިތު އަކީ އިންޓާނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޯރ ހިމެނެއެވެ. އަދި ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފަ އެވެ.

ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގަ އެވެ.

މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އިންޓަރނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ހޯއްދަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވަން އަދި މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން." އޭނާ ވިދާޅުވި އެވެ.

ބިޝްވަޖިތަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަރޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރ (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާރޓާޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކަލްކަތާ ޔުނިވަރސިޓީ އިން އެލްއެލްބީ ހޯއްދަވާފަ އެވެ. އަދި ޔޫއެސްއޭ އިން ސަރޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރ (ސީއައިއެސްއޭ) އަދި ސަރޓިފައިޑް ފްރޯޑް އެގްޒަރމިނަރ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައްވެސް ވަނީ ހޯއްދަވާފަ އެވެ.