Last Updated: April 19, 18:16
Friday, April 19, 2024
ކުޅިވަރު

ލިވަޕޫލްގެ އެއްބަސްވުން ކްލޮޕް އާކޮށްފި

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ޖަރުމަނަށް އުފަން އުމުރުން 54 އަހަރުގެ ކްލޮޕް އެންމެ ފަހުން ލިވަޕޫލާ އެކު ހެދި އެއްބަސްވުން 2024 ގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އާ ކޮންޓްރެކްޓްގައި ސޮއިކުރުމާ އެކު 2026 ގެ ނިޔަަލަށް ލިވަޕޫލުގައި އޭނާ މަޑުކުރާނެ އެވެ.

2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ކްލޮޕް ވަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން 30 އަހަރަށްފަހު ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކްލޮޕް ހޯދައިދިންއިރު ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަރ ކަޕް އަދި ކްލަބް ވޯލްޑް ކަޕް އޭނާ ވަނީ އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ލިވަޕޫލުން އިން އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައިވާއިރު އެޓީމަށް މި ސީޒަނުގައި ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގު އަދި އެފްއޭކަޕް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެގޮތުން ލީގުގައި ބާކީ ހަ މެޗު އޮތްއިރު ލިވަޕޫލް އާއި ލީގުގެ އެއްވަނައިގައި ދެމެދު އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ލިވަޕޫލް އޮތްއިރު އެޓީމުން ރޭ ވަނީ ސެމީގެ ފުރަތަމަ ލެގުގައި ވިޔަރެއާލްގެ މައްޗަށް 2-0 އިން ކުރި ހޯދާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލާފަ އެވެ. އަދި އެފްއޭކަޕްގެ ފައިނަލްގައި އަންނަ މަހުގެ 14 ވަނަ ދުވަހު ލިވަޕޫލުން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.