ޗެލްސީ ގަންނަން އިނގިރޭސިވިލާތުގެ މަހުޖަނު ސަރ ޖިމް ރެޓްކްލިފް ހަތަރު ބިލިއަން ޕައުންޑަށް ވުރެ ބޮޑު ބިޑެއް މިއަދު ހުށަހަޅައިފި އެވެ.
ރެޓްކްލިފްގެ ކުންފުނި ކަމަށްވާ "އިނެއޯސް" އިން ޗެލްސީ ގަންނަން ހުށަހަޅާފައިވަނީ 4.25 ބިލިއަން ޕައުންޑުގެ ހުށަހެޅުމެކެވެ. މީގެތެރެއިން 1.75 ބިލިއަން ޕައުންޑު ޗެލްސީގެ ސްޓޭޑިއަމަށާއި ޓީމަށް އަދި އެހެނިހެން ކަންކަމަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 2.5 ބިލިއަން ޕައުންޑު ހަދިޔާކުރުމަށް ނިންމާފައިވަނީ ހަނގުރާމައިގައި ހާލުގައި ޖެހުނު ޔުކްރޭނު މީހުންނަށް އެހީވުމަށް ހުޅުވާ ޗެރިޓީ ފަންޑަކަށެވެ.
މި ހުށަހެޅުން ހުށަހަޅާފައިމިވަނީ ޗެލްސީ ވިއްކާލުމުގެ އެންމެފަހު މަރުހަލާ އަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.
ރެޓްކްލިފްގެ ކުންފުނިން ވަނީ 2019 ވަނަ އަހަރުތެރޭ ފްރެންޗު ލީގުގެ ކްލަބެއް ކަމަށްވާ ނީސް ވެސް ގަނެފަ އެވެ. އަދި އެ ކުންފުނިން އަންނަނީ ކުޅިވަރުގެ އެކި ޓީމުތައް ހިންގަމުންނެވެ.
ޗެލްސީ ގަތުމަށް ބިޑްކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކޮށްފައިވަނީ ތިން ފަރާތެކެވެ. އެ ތިން ފަރާތަކީ އެމެރިކާގެ ބޭސްބޯލް ޓީމު އެލްއޭ ޑޮޖާސްގެ ކޯ އޯނަރު ޓޮޑް ބޯލީ އާއި އެމެރިކާގެ ބާސްކެޓް ބޯޅަ ޓީމެއް ކަމަށްވާ ބޮސްޓަން ސެލްޓިކްސްގެ ކޯ އޯނަރު ސްޓެފަން ޕަގްލިއުކާގެ އިތުރުން އިނގިރޭސިވިލާގެ މަހުޖަނެއް ކަމަށްވާ ސަރ މާޓިން ބްރޯޓަން އެވެ.
ދެހާސްތިނެއްގައި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ޗެލްސީ ގަތީ 140 މިލިއަން ޕައުންޑަށް ކަމަށްވާއިރު، އިނގިރޭސި ސަރުކާރުން އަބްރަމޮވިޗް އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޗެލްސީ ވިއްކާލުމަށްފަހު ލިބޭ އެއްވެސް ފައިސާއެއް އަބްރަމޮވިޗް އަށް ނުލިބޭނެ އެވެ.
އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޗެލްސީ މިހާރު ހިންގަމުން އަންނަނީ ހާއްސަ ލައިސަނެއްގެ ދަށުންނެވެ. އެ ލައިސަންސްގެ ދަށުން ކްލަބު ހިންގާއިރު ޗެލްސީ ކުޅޭ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ނުވިއްކޭއިރު އެ މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ 25،000 ޗެލްސީ ސަޕޯޓަރުންނަށެވެ. އަދި ޗެލްސީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުން ވެސް މި ވަގުތަށް ވަނީ ހުއްޓާލަން ޖެހިފަ އެވެ.