Last Updated: April 25, 20:04
Thursday, April 25, 2024
ކުޅިވަރު

އެމެރިކާގެ ބިލިއަނަރަކަށް ޗެލްސީ ވިއްކާލަނީ

ޗެލްސީ ގަތުމުގެ ރޭސް އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީގެ ކޮންސޯޓިއަމް އިން ކާމިޔާބުކޮށްފި އެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ޑޮޖާސް ބޭސްބޯލް ޓީމުގެ ކޯ އޯނަރު ކަމަށްވާ ޓޮޑް ޗެލްސީ ގަތުމުގެ ބިޑް ކާމިޔާބު ކުރީ 3.5 ބިލިއަން ޕައުންޑަށެވެ. ބޯލީ ވަނީ 2019 ވަނަ އަހަރު ވެސް ޗެލްސީ ގަތުމަށް މަސައްކަތްކޮށްފަ އެވެ. ފޯބްސް މަޖައްލާ އިން ހާމަކުރާ ގޮތުގައި އޭނާގެ އަމިއްލަ މިލްކިއްޔާތުގައި 4.5 ބިލިއަން ޕައުންޑް އެބަ ހުއްޓެވެ.

ބޯލީގެ ކޮންސޯޓިއަމްގައި ސްވިޒަލޭންޑްގެ ބިލިއަނަރެއްގެ އިތުރުން އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއް ވެސް ހިމެނެ އެވެ.

ޗެލްސީ ގަތުމަށް އެންމެފަހު ވަގުތު އިނގިރޭސިވިލާތުގެ މަހުޖަނު ސަރ ޖިމް ރެޓްކްލިފް ވެސް ބިޑުކޮށްފައިވެ އެވެ. އޭނާ ހުށަހަޅާފައިވަނީ 4.25 ބިލިއަން ޕައުންޑަށް ޗެލްސީ ގަތުމަށެވެ.

ޗެލްސީ ގަތުމަށް ދެން ބިޑުކުރި ފަރާތްތަކަކީ އެމެރިކާގެ ބާސްކެޓް ބޯޅަ ޓީމެއް ކަމަށްވާ ބޮސްޓަން ސެލްޓިކްސްގެ ކޯ އޯނަރު ސްޓެފަން ޕަގްލިއުކާގެ އިތުރުން އިނގިރޭސިވިލާގެ މަހުޖަނެއް ކަމަށްވާ ސަރ މާޓިން ބްރޯޓަން އެވެ.

ދެހާސްތިނެއްގައި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ޗެލްސީ ގަތީ 140 މިލިއަން ޕައުންޑަށް ކަމަށްވާއިރު، އިނގިރޭސި ސަރުކާރުން އަބްރަމޮވިޗް އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޗެލްސީ ވިއްކާލުމަށްފަހު ލިބޭ އެއްވެސް ފައިސާއެއް އަބްރަމޮވިޗް އަށް ނުލިބޭނެ އެވެ.

އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޗެލްސީ މިހާރު ހިންގަމުން އަންނަނީ ހާއްސަ ލައިސަނެއްގެ ދަށުންނެވެ. އެ ލައިސަންސްގެ ދަށުން ކްލަބު ހިންގާއިރު ޗެލްސީ ކުޅޭ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ނުވިއްކޭއިރު އެ މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ 25،000 ޗެލްސީ ސަޕޯޓަރުންނަށެވެ. އަދި ޗެލްސީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުން ވެސް މި ވަގުތަށް ވަނީ ހުއްޓާލަން ޖެހިފަ އެވެ.