Last Updated: July 1, 23:03
Wednesday, July 2, 2025
ވިޔަފާރި

އަޕްޑޭޓްނުކުރާ އެޕްތައް އެޕް ސްޓޯރުން ނަގަނީ

އަޕްޑޭޓްނުކޮށް ގިނަ ދުވަސްތަކެއްވެ، އަދި ޑައުންލޯޑިން ވެސް ދަށްވެފައިވާ ގިނަ އަދަދެއްގެ އެޕްތަކެއް އެޕް ސްޓޯރުން ބޭރުކުރަން ނިންމުމުން އަމާޒުވި ފާޑުކިޔުންތަކަށް އެޕަލް އިން ރައްދު ދީފި އެވެ.

ޑިވެލޮޕަރުންގެ އެފްތަކެއް އެޕް ސްޓޯރުން ނަގަން ނިންމާފައިވާތީ އެކަމަށް ފާޑުކިޔައި، ބައެއް ޑިވެލޮޕަރުން ޓްވިޓާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެހެންވެ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދީ އެޕަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެޕް ސްޓޯރުން ބޭރުކުރަން ނިންމީ އެ ފިޔަވަޅު އަޅަން މިހާރު ހައްގު އެޕްތަކެއް ކަމަށެވެ.

އެގޮތުން ފާއިތުވި ތިން އަހަރެއްހާ ތެރޭގައި އެއްވެސް އަޕްޑޭޓެއް ނުގެންނަ އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ޑައުންލޯޑް ވެސް ބޮޑު ތަނުން ދަށްވެފައިވާ އެޕްތައް އެޕް ސްޓޯރުގައި ބަހައްޓަން ބޭނުންނުވާ ކަމަށް ބުންޏެވެ.

"މިއީ އެޕް ސްޓޯރަށް ވެސް ގެންނަ ހެޔޮބަދަލުތަކާ އެކު ކުރާ ކަމެއް." އެޕަލް އިން ބުންޏެވެ.

އެ ކުންފުނިން ވަނީ އެއްވެސް އަޕްޑޭޓެއް ނުގެންނަތާ އެތައް ދުވަހެއްވީ ގިނަ އަދަދެއްގެ އެޕްތަކެއް ނަގަން ނިންމައި، އެފަދަ އެޕްތައް އެޕް ސްޓޯރުގައި ބަހައްޓަ ބޭނުން ނަމަ އަޕްޑޭޓްކުރަން ދިން މަސް ދުވަހުގެ މުހުލަތު މިހާރު ތިން މަހަށް އިތުރު ވެސްކޮށް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަޕްޑޭޓްނުކުރާ އެޕްތައް ދެން އިތުރު ނޯޓިހަކާ ނުލައި އެޕް ސްޓޯރުން ނަގާނެ އެވެ.

އެޕް ސްޓޯރްގައި ހުރި އެޕްތަކުގެ އަދަދު 1.96 މިލިއަނަށް އަރަ އެވެ. މިއީ އައިއޯސް ޑިވައިސްތައް ބޭނުންކުރާ މީހުން ބަރޯސާވާ އެއްޗެކެވެ. އެޕް ސްޓޯރް ވުޖޫދަށް އައީ 2008 ގަ އެވެ.