Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ރެއާލުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފި

އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްގެ މައްޗަށް 4-0 އިން ކުރި ހޯދައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ބާކީ ހަތަރު މެޗު އޮއްވާ ރެއާލުން ލީގު ޗެމްޕިއަންކަން ހޯދީ 34 މެޗުން 81 ޕޮއިންޓު ހަމަކޮށްގެންނެވެ. ލީގުގެ ދެ ވަނައިގައި އޮތް ސެވިއްޔާ ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވިޔަސް ދެން ރެއާލްއާ އަރާ ހަމަނުކުރެވޭނެ އެވެ. ސެވިއްޔާ ދެވަނައިގައި އޮތީ 34 މެޗުން ލިބުނު 64 ޕޮއިންޓާ އެކު އެވެ.

މިއީ ރެއާލްގެ ތާރީހުގައި އެ ކްލަބުން ލީގު ޗެމްޕިއަންކަން ހޯދި 35 ވަނަ ފަހަރެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފް ރެއާލުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން އެ ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ. އަދި މެޗުގެ 55 ވަނަ މިނެޓްގައި މާކޯ އެސެންސިއޯ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެވެ.

ލީގު ޗެމްޕިއަންކަން ރެއާލުން ހޯދިއިރު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް އެޓީމަށް އަދި އެބައޮތެވެ. އެގޮތުން އެ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ކުޅެ ރެއާލް ވަނީ 4-3 އިން ބަލިވެފަ އެވެ. ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގައި އޮންނާނީ ރެއާލްގެ ދަނޑުގަ އެވެ.