Last Updated: May 21, 17:39
Tuesday, May 21, 2024
ޚަބަރު

ދޫނި ލެބަކުން ވައްކަންކުރި ދެ މީހަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޫނި ލެބުން ވައްކަން ކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި، އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ.

އެއަރޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް މި ދެ މީހުން ހޯދަން ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން މި ދެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.