Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ޓްވިޓާގެ ޑީއެމް އެންކްރިޕްޓްވާން ޖެހޭ: އީލޮން

ޓްވިޓާގެ ޑީއެމް ނުވަތަ ޑައިރެކްޓް މެސެޖްތަކަށް އެންޑް-ޓު-އެންކްރިޕްޝަން ގެންނަން ޖެހޭ ކަމަށް މިދިޔަ ހަފުތާގައި ޓްވިޓާ ބައްލަވައިގަތް މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަދަލު ގެންނަން ޖެހެނީ ޑީއެމްގައި ކުރެވޭ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ގޮތުންނެވެ.

"ސިގްނަލް [ސޯޝަލް ޕްލެޓްފޯމެއް] ފަދައިން މި ބަދަލު ގެނައުމުން ޓްވިޓާ ޑީއެމްތަކަށް އެއްވެސް މީހަކަށް ފާރައެއް ވެސް ނުލެވޭނެ އަދި ހެކް ވެސް ނުކުރެވޭ." އީލޮން ވިދާޅުވި އެވެ.

ޓްވިޓާ އަށް މިފަދަ ބަދަލެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައި މި ވަނީ އެ ބައްލަވައިގަތުމުގެ ކުރިން، ޓްވިޓާގެ ހިއްސާތަކެއް ބައްލަވައިގަތްތާ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓްވީޓާ އަށް އެޑިޓް ފީޗާ ވެސް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އެކަން އާންމުންގެ ހިޔާލަށް ޓްވިޓާގައި އީލޮން މި މަހުގެ ކުރީކޮޅު ހުޅުއްވައިލެއްވިތަނާހެން ޓްވިޓާ އިން ވަނީ އެޑިޓް ބަޓަނަށް މަސައްކަތްކުރެވެމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ސިގްނަލް އާއި ވަޓްސްއެޕަކީ ޑީފޯލްޓް އެންޑް-ޓު-އެންކްރިޕްޝަން އެކުލެވޭ ދޭއްޗެވެ. އަދި އެ އިހުތިޔާރު ފޭސްބުކާއި އިންސްޓަގްރާމާއި މެސެންޖާ އިން ވެސް ދީފައި އޮވެ އެވެ. އެކަމަކު ޓްވިޓާ އަކީ މިހާތަނަށް އެންޑް-ޓު-އެންކްރިޕްޝަނަށް މާ ބޮޑު ސަމާލުކަމެއް ދިން އެއްޗެއް ނޫނެވެ.

ނަމަވެސް އީލޮންގެ މިލްކުވެރިލަމުގެ ދަށަށް އެ އައިސްފައިވާތީ އޭނަ އެދިވަޑައިގަންނަވާ ކަހަލަ ބަދަލުތައް އެއަށް ގެންނަން މަޖުބޫރުވާނެ އެވެ. އީލޮން ވިދާޅުވެފައި ވަނީ ޓްވިޓާ ބައްލަވައިގަތީ އޭގައި ހުރި "ބާގަނޑުތައް ބައްދައި"، ޑިމޮކްރަސީގެ ތެރެއިން ލިބޭ ހިޔާލުފާޅުރުމުގެ ހައްގުތައް ވެސް ފުޅާކޮށް ދެއްވުމުގެ ގޮތުން ކަމަށެވެ.