Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އިންޑިއާގެ ކްރިކެޓް ސާމާނުތަކެއް ރާއްޖެ އަށް

އިންޑިއާ އިން ރާއްޖޭގެ ކްރިކެޓް ބޯޑަށް މިލިއަނެއްހާ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.

އެ ތަކެއްޗާ ހަވާލުވާން ހޮނިހިރު ދުވަހު ކުޅިވަރު އެކުވެނީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް، ފައިސަލް ނަސީމުގެ އިތުރުން ކުޅިވަރު ވަޒީރު އަހުމަދު މަހްލޫފް އަދި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

މަހްލޫފު ވަނީ އިންޑިއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ވެވަޑައިގަންނަމުން އަންނަ އެހީތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން، އިންޑިއާއިން ދޫކުރި 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުން ގިނަ ފައިދާތަކެއް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ ކްރިކެޓަށް ދިން ހަދިޔާ އަކީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށާށއި ކުޅިވަރު ސާމާނުގެ ސަބަބުން ރާއްޖޭގައި ކްރިކެޓް އިތުރަށް ތަރައްގީވުމަށް މަގުފަހި ވާނެ ކަމަށެވެ.

އިންޑިއާ އިން އަންނަނީ ރާއްޖޭގައި ކްރިކެޓް ތަރައްގީކުރުމަށް ގިނަ އެހީތަކެއް ވަމުންނެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުތައް އިންޑިއާގެ ޗެންނާއީގައި ހުންނަ ސެންޓާ ފޮ ސްޕޯޓްސް ސައިންސުން ތަމްރީނުކުރުމުގެ މަޝްވަރާތަކެއް ކުރެވިފައިވެ އެވެ. އިންޑިއާ އަކީ ދުނިޔޭގެ ކްރިކެޓްގައި އެންމެ ނަގާކިޔާ އެއް ގައުމެވެ.