Last Updated: March 29, 06:12
Friday, March 29, 2024
ކުޅިވަރު

ލިވަޕޫލް 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ވިޔަރެއާލްގެ މައްޗަށް 3-2 އިން ކުރި ހޯދައި މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ލިވަޕޫލުންނެވެ. ލިވަޕޫލް ފައިނަލަށް ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި 10 ވަނަ ފަހަރެވެ. ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ މާދަމާ ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 4-3 އިން ކާމިޔާބުކުރީ ސިޓީންނެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ޑިއާ ވަނީ ވިޔަރެއާލް އަށް ލީޑު ނަގާދީފަ އެވެ. މި ގޯލަށްފަހު ވެސް ވިޔަރެއާލް އިން ދިޔައީ ލިވަޕޫލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 41 ވަނަ މިނެޓްގައި ފްރެންސިސް ކޮކެލިން ވަނީ ވިޔަރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ވިޔަރެއާލުން ނިންމާލިއިރު މެޗުގެ 62 ވަނަ މިނެޓްގައި ފަބީނިއޯ ވަނީ ލިވަޕޫލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ފަސް މިނެޓްފަހުން ލުއިސް ޑިއާޒް ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 74 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

މެޗުގެ 85 ވަނަ މިނެޓްގައި ވިޔަރެއާލްގެ ކޮކެލިން އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އިނގިރޭސި ލީގު ކަޕް ވެސް ދާދިފަހުން ކާމިޔާބުކޮށްފައިވާ ލިވަޕޫލަށް މި ސީޒަނުގައި ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގު އަދި އެފްއޭކަޕް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ.