Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ރާއްޖޭގައި ޒަކާތާ ބެހޭ އިދާރާއެއް ހަދަން ޖެހޭ

ރާއްޖޭގައި ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް ހަދަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދައި ޒަކާތާ ގުޅުން ހުރި ކަންކަން އެތަނުގެ ދަށުން ކުރުމަކީ ގައުމުން ފަގީރުކަން ވެސް ނައްތައިލެވޭ ކަމެއް ކަމަށެވެ.

"ޒަކާތާ ބެހޭ ޚާއްޞަ އިދާރާއެއް އުފައްދައި، އަހަރުން އަހަރަށް ލިބޭ ޒަކާތް ބެހުމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުން ވަކި މިންވަރެއް ބެހެނިވެރިންގެ ޙައްޤުގައި އިންވެސްޓްކުރުމަކީ ޤައުމުން ފަޤީރުކަން ނައްތާލުމުގެ މަގެއް." ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކުރެވޭ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާއިން ފަޤީރުންނަށް ބޭނުންވާ އެންމެހާ ޒަރޫރީކަންކަން ވެސް ހަމަޖެއްސޭނެ ކަމަށެވެ.

"މިސާލަކަށް ދިރިއުޅޭނެ އެޕާޓްމަންޓް ދިނުމާއި ބޭސް ފަރުވާ އާއި ތަޢުލީމާއި މިފަދަ ކަންކަން ދަރަންޏަކާ ނުލައި ކުރެވިދާނެ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަކާތަށް ހާއްސަ އިދާރާއެއް އުފައްދައި ހިންގުމަށް ދައުލަތުގެ ބަޖެޓުން ހަރަދު ވެސް ކުރާކަށް ނުޖެހޭނެ އެވެ.

"އެ އިދާރާއެއް ވަންނާނީ ޒަކާތުގެ (ޢާމިލް) ގެ މަފްހޫމުގެ ތެރެއަށް. ނަތީޖާ އަކީ އެ އިދާރާ ހިންގުމުގެ އެންމެހާ ޚަރަދެއް ކުރާނީ ސީދާ ޒަކާތުގެ ޢާމިލުންގެ ބައިން. ޢާމިލުންނަކީ ޒަކާތް ނަގައި ބަހާ ފަރާތް." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް އަދާކުރެއްވި ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ފަގީރުންނާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ސީދާ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.