Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ސިޓީ ކަޓުވާލައި ރެއާލް ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީ 3-1 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ސިޓީގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 4-3 އިން ކާމިޔާބުކުރީ ސިޓީންނެވެ. ރެއާލް ފައިނަލަށް ދަތުރުކުރީ 6-5 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ފައިނަލްގައި ރެއާލް ބައްދަލުކުރާނީ ލިވަޕޫލްއާ އެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. އެގޮތުން ބަނާޑޯ ސިލްވާ ދިން ޕާހަކުން މި ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އެވެ. މަހްރޭޒް މި ގޯލު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީއޭރިއާގެ އަރިމަތީގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ސިޓީގެ ޖެކް ގްރީލިޝް އަށް ރަނގަޅު ދެ ފުރުސަތު ލިބިފައިވެ އެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ރެއާލްގެ ޑިފެންޑަރު ފާލަންޑް މެންޑީ ދިފާއުކުރިއިރު އަނެއް ހަމަލާ ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.

މި ނަތީޖާއާއެކު ސިޓީ މޮޅުވާން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓްގައި ރޮޑްރިގޯ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ މިނެޓެއްފަހުން ދެވަނަ ހާފްގައި ކުޅެން އެރި ރޮޑްރިގޯ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ރެއާލަށް ލީޑު ނަގާދީފަ އެވެ. މި ގޯލާއެކު ދެ ޓީމު ވެސް އެގްރިގޭޓް ނަތީޖާ އިން އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ.

އެގޮތުން ރެއާލް އިން މެޗުގެ ލީޑު ނެގީ 15 މިނެޓްގެ ފުރަތަމަ ހާފްގަައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ރެއާލަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެވެ. މި ޕެނަލްޓީ އަކީ ބެންޒެމާ އަށް ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ރެއާލް އިން ވަރަށް ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅުނުއިރު ސިޓީ އަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފަ އެވެ.