Last Updated: April 26, 15:02
Friday, April 26, 2024
ދުނިޔެ

ޓިކްޓޮކުން އާމްދަނީ ހޯދޭނެ އިތުރު ގޮތެއް

ޓިކްޓޮކް ކްރިއޭޓަރުންނަށް އާމްދަނީ ހޯދޭ އިތުރު ފުރުސަތެއް ފަހިކޮށްދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ޓިކްޓޮކުން ބުނި އެންމެ މަގުބޫލު ވީޑިއޯތައް ހިމެނޭ ބައިގައި އިޝްތިހާކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށާއި އެތަނުގައި އިޝްތިހާރުކޮށްގެން ލިބޭ އާމްދަނީން ކްރިއޭޓަރުންނަށް ބައި ވެސް އަޅާނެ ކަމަށެވެ. ޓިކްޓޮކުން ނިންމާފައި އޮތީ އެކިއެކި ކެޓަގަރީތަކުން އެންމެ މަގުބޫލު ވީޑިއޯތައް އެކުލެވޭ ބައިން ހަތަރު ޕަސެންޓް ވީޑިއޯތަކަށް އިޝްތިހާރު ވިއްކާށެވެ.

ޓިކްޓޮކުން ޕްރޮގްރާމަށް ދޫފައިވާ ނަމަކީ "ޓިކްޓިކް ޕަލްސް" އެވެ. ނަމަވެސް މިއިން ކްރިއޭޓަރުންނަށް ބައިއަޅާނެ ގޮތަކާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ މަދުވެގެން 100،000 ފޮލޯވަރުން ތިބި ކްރިއޭޓަރުންނަށެވެ.

ޓިކްޓޮކުން ބުނި ގޮތުގައި މައިގަނޑު 12 ކެޓަގަރީއެއްގެ އެންމެ މަގުބޫލު ވީޑިއޯތައް އެކުލެވޭ ބައިގައި އިޝްތިހާރުކުރުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބޭނެ އެވެ. އޭގެ ތެރޭގައި ބިއުޓީ، ފެޝަން، ކެއްކުން އަދި ގޭމިން ހިމެނެ އެވެ.

ޓިކްޓޮކް ކްރިއޭޓަރުންނަށް މިހާރު އާމްދަނީ ހޯދޭ މައިގަނޑު އެއްގޮތަކީ އެތަނުން ކްރިއޭޓަރުންނަށް ހާއްސަކޮށްފައި އޮތް ބިލިއަން ޑޮލަރު ކްރިއޭޓަ ފަންޑެވެ.