Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

ރާ: ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑި!

އިންސާނީ މުޖުތަމަޢުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ވަބާއަކީ ބަނގުރަލެވެ. އަދި އެ ރަލުގެ މާނައިގައި ހިމެނޭ ހުރިހާ މަސްތުވާ ތަކެއްޗެވެ. ދިޔާވިޔަސް، ހަރުވިޔަސް، ބާރުގަދަވިޔަސް، ބާރުދެރަވިޔަސް ވެހެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ރަލާ ބެހޭ ގޮތުން ޙަދީޘްފުޅު ކުރައްވާފައި ވަނީ، "ތިޔަބައިމީހުން ރަލާ ކައިރި ނުވާށެވެ! އެހެނީ، އެއީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ." (الألباني في " السلسلة الصحيحة" 2798)

މުޖުތަމަޢުގައި، ރަލުގެ މަސްތުގައި ކިތައް ޤަތުލުއާންމު ހިންގާފައިވޭތޯއެވެ؟ ކިތައް ވައްކަން ކޮށްފައިވޭތޯއެވެ؟ ގަދަކަމުން ކިތައް އަންހެނުންނާއި އަންހެން ކުދީންގެ ޢިއްފަތް ފޭރިގަނެފައިވޭތޯއެވެ؟ ކިތައް ބިރުދެއްކުމާއި ފޭރުމާއި ރަހީނު ކުރުމުގެ ޖަރީމާ ހިންގާފައިވޭތޯއެވެ؟ މި ނޫން ވެސް މިހިރަ މިހިރަ އެތައް ޖަރީމާއެއްގެ ސަބަބުން މުޅި މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި، ބިރުވެރި ހާލަތަކަށް ވެއްޓިފައި ނުވޭތޯއެވެ؟ މަސްތުވެފައި ހުރި މީހަކު ތިމާއަށް ތޫނު އެއްޗަކުން ހަމަލާ ދީފާނެ ކަމުގެ ބިރު ހީނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމާގެ އަނބިދަރީންނަށް ބެހި ގޯނާކޮށް ބޮޑެތި އަނިޔާ ކޮށްފާނޭ ކަމަށް ފިކުރު ބޮޑުވެ ހާސްނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމާގެ ގެއަށް ވަދެދާނެ ކަމުގައި ބިރު ހީނުވޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެ ހާލަތު އޮތް ހިސާބެވެ.

ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ބަޔަކު ވަނީ ހަލާކުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. އެބައިމީހުންގެ އުނދަގުލާއި ދުއްތުރާތައް މުޖުތަމަޢުގެ އެހެން އަފުރާދުން ވަނީ ތަޙައްމަލު ކުރަން ޖެހިފައެވެ. ރަށުތެރޭގެ އަމާންކަން ވަނީ ގެއްލިފައެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު ފެނިގެން ދަނީ ދީނީ ތަޢުލީމާއި ތަރުބިއްޔަތާއި އަޚްލާޤިއްޔާތާ ދުރު، މާއްދިއްޔަތަށް ގެއްލިފައިވާ މުޖުތަމަޢެކެވެ. އިސްލާމީ މުޖުތަމަޢެއްގައި ހުންނަން ޖެހޭ ސިފަތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ދަނީ ފޭދި ނެތެމުންނެވެ. ޒުވާނުންނާއި ޅަދަރީންނަށް ދީނީ ރަނގަޅު ތަރުބިއްޔަތެއް ނުދެވެއެވެ. އެކަމުގެ ސަބުބުން އެ ކުދީން ލެނބެމުން ދާނީ މާއްދިއްޔަތަށެވެ.

މާތް ﷲއަށް އޮންނާން ޖެހޭ ބިރުވެތިކަމެއް ނޯވެއެވެ. އާޚިރަތާ މެދު ވިސްނާ ފިކުރު ކުރަން ޖެހޭ މިންވަރަށް ވިސްނާ ފިކުރެއް ނުކުރެއެވެ. ނުބައި އެކުވެރިންނާ ޖެހި މަގު އޮޅިގެން ދިޔުން އޮންނަނީ ދާދި ކައިރީގައެވެ. ދީނީ ތަރުބިއްޔަތުގެ މުހިންމުކަން ހާމަވެގެން ދަނީ މިފަދަ ޙާލަތެއްގައެވެ. ކުއްޖާ މަގު އޮޅި، ނުކިއްސަރު މަގުން ހިނގާން ފެށުމުންނެވެ. އޭގެ ކުރިން އެކަމާ ބެލެނިވެރީންނަށް ވެސް ވިސްނައި ނުލެވެއެވެ.

ޙައްލަކީ އިސްލާމްދީނެވެ. ދީނީ ތަރުބިއްޔަތެވެ. ދީނީ ޢަޤީދާއާއި އީމާނެވެ. އެ ކަންކަން ކުރެވޭނީ އިންސާނާގެ ވެރި ރައްބާ ގުޅުން ބަދަހިކޮށްގެންނެވެ. އެ އިލާހީ، އިންސާނުން އިމްތިޙާނު ކުރައްވާ އިލާހެވެ. އެ އިލާހީ، އިންސާނުންނަށް ތައުފީޤު ދެއްވާ އިލާހެވެ. އެކަނލާގެއީ އިންސާނުންނަށް ކެތްތެރިކަމުގެ ތައުފީޤު ދެއްވާ އިލާހެވެ. ރަލުގެ ވަބާގައި ޖެހިފައިވާ މީހުން އެ ވަބާއިން ނެރުމަށް އިލާހީ "ޕްރޮގްރާމް" ވަނީ ކުރި ހޯދައިފައެވެ. ޞަޙާބީ ބޭކަލުންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް މި ޙަޤީޤަތް ދަނީ އަޅުގަނޑުމެންނަށް ފެންނަމުންނެވެ.

މުޖުތަމަޢު މި ވަބާއިން ސަލާމަތް ކުރަން ބޭނުމިއްޔާ އަޅުގަނޑުމެންނަށް އޮތީ ދަރީންނަށް ރަނގަޅު ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދިނުމެވެ. ދުނިޔޭގެ ޙަޤީޤަތް އެ ކުދީންނަށް ބަޔާން ކޮށްދިނުމެވެ. ދުނިޔެއަށް ފޮނުވުނު މަޤްޞަދު ބަޔާން ކޮށްދިނުމެވެ. މާތް ﷲއަށް ޙައްޤު ގޮތުގައި ބިރުވެތިވާން ދަސްކޮށްދިނުމެވެ. އާޚިރަތެއް އަންނާނެކަން ހަނދާންކޮށް ދިނުމެވެ.

ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ