Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ނަހުލާއަށް އަނެއްކާވެސް ޕީޕީއެމް ތެރެއިން ކޮޅިގަނޑެއް، މި ފަހަރު މެމްބަރު ޝުޖާއުގެ ފަރާތުން؟!

ވިލިމާލޭގެ ސިޓީ ކައުންސިލް މެމްބަރު ނަހްލާ އަލީ އެ ދާއިރާގެ ބައެއް މެމްބަރުންނާއެކު

ޕީޕީއެމް އިން ވަކިކުރާނެ ކަމަށް ބުނެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުގެ ފަރާތުން އިންޒާރުތައް ލިބެމުންދާ ކަމަށް މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހްލާއަލީ ވިދާޅުވެއްޖެ އެވެ.

ނަހްލާ ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ހަބަރުތައް ދޮގުކޮށް އޭނާ ފޭސްބޫކްގައި ވަނީ ކަން ހިނގާފައިވާ ގޮތް ކަމަށްބުނެ ބޮޑު މައްސަލަގަނޑެއް އޭނާއަށް ކުރިމަތިވެފައިވާކަން ހާމަކޮށްފަ އެވެ. މި ފަހަރު މައްސަލަ ޖެހުނީ މާލޭ ސިޓީގެ ޑަބްލިޔުޑީސީގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ޕީޕީއެމް އިން ކެންޑިޑޭޓަކު ކަނޑައެޅުމަށް މަސައްކަތްކުރަން ފެށި ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހްލާ ވިދާޅުވެފައިވަނީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ގޮނޑިއަށް ވާދަކުރަން ފެންނަ މީހެއްގެ ނަން އެ ދާއިރާގެ ކައުންސިލަރެއްގެ ހަސިއްޔަތުން ޕީޕީއެމްއަށް ހުށައެޅުމުން އެ ނަން ނެގުމަށް ޕާޓީން އެންގި ކަމަށެވެ. އަދި އެ ނަން އަނބުރާ ނުނެގުމުން އެ ކެންޑިޑޭޓު ލައްވާ ނަން ނެގުވުމަށްފަހު ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށައެޅި މީހަކަށް އެ ޓިކެޓް ދީފައިވާ ކަމަށް ނަހްލާ ވިދާޅުވި އެވެ. އަދި ވިލިމާލެ ދާއިރާގެ އެ ގޮނޑި ޕީޕީއެމްއަށް ކާމިޔާބު ނުވެއްޖެ ނަމަ އޭނާ ޕާޓީން ވަކިކުރާނެ ކަމަށް ޝުޖާއު އަންނަނީ ވިދާޅުވަމުން ކަމަށް ނަހްލާގެ ފޭސްބޫކް ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

"ވިލިމާލެ ޑަބްލިޔުޑީސީގެ ބައި އިލެކްޝަނުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ވަނުމާއެކު އެ ދުވަހުން ފެށިގެން ޕީޕީއެމް ކެންޑިޑޭޓަށް ކާމިޔާބު ނުވެއްޖެ ނަމަ އަޅުގަނޑު ޕާޓީން ވަކިކޮށްފައިނޫނީ ހުއްޓާނުލާނެ ކަމަށް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަންނަނީ ތަކުރާރުކޮށް އަޅުގަނޑަށް އިންޒާރުދީ ބިރު ދައްކަމުން،" ނަހްލާ ވިދާޅުވެފައިވެ އެވެ.

ނަހްލާ ވިދާޅުވި ގޮތުން ޝުޖާއު އޭނާއަށް އިންޒާރު ދީ ބިރު ދައްކަމުން ގެންދަވަނީ މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އާއި އެހެން ބައެއް ކައުންސިލަރުންގެ ވެސް ހާޒިރުގަ އެވެ.

ޝުޖާއުގެ އެ މައްސަލަ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނަށާއި ރައީސް ޔާމިނަށް ހުށައަޅާފައިވާކަމަށް ނަހްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވަނީ ކޮންމެ ގޮތަކަށް ކަންކުރިއަސް ވިލިމާލެ ދާއިރާގެ މަސްލަހަތު އިސްކުރާނެ ކަމަށާއި ވިލިމާލެ ދާއިރާއަށް ހިދުމަތްކުރުމުގައި ފިކުރު ތަފާތު ނުކުރާނެ ކަމަށެވެ.

ނަހްލާ ވިދާޅުވީ އޭނާ އަބަދުވަސް ތާއީދުކުރާނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށާއި އެ ނޫން ބޭފުޅަކު ޕީޕީއެމްގެ ތެރެއިން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރާ މީހުންގެ ޕްރެޝަރ އޭނާއަށް ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމްގެ ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު"،

ނަހްލާއަށް މީގެ ކުރިންވެސް ވަނީ ސިޓީ ކައުންސިލް ތެރެއިން އެފަދަ މައްސަލަތަކާ ކުރިމަތިވެފަ އެވެ. އަދި އިންތިހާބުތަކުގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް ޕީޕީއެމް އިން ކަނޑައެޅުމަށްފަހު ފަހުން ވަނީ އެ ފިޔަވަޅުތައް ބާތިލްކޮށްފަ އެވެ. ނަހްލާ ވިދާޅުވީ ޕީޕީއެމްއިން އެޅި ފިޔަވަޅުތައް ބާތިލްކުރީ ރައީސް ޔާމިންގެ އެދިވަޑައިގަތުމަށެވެ.