Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޕީޕީއެމުން ނަހުލާ އާއި މަންމަގެ ސުލޫކީ މައްސަލައެއް ބަލަނީ

ވިލިމާލޭގެ ސިޓީ ކައުންސިލް މެމްބަރު ނަހްލާ އަލީ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ މެންބަރު ނަޙުލާ ޢަލީ، ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް އެ ޕާޓީން ރައްދު ދީފި އެވެ.

ނަހްލާ އޭނާގެ ފޭސްބޫކް އެކައުންޓްގައި ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އޭނާއަށް ބިރު ދައްކާ އިންޒާރު ދެމުންދާ ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް ޝުޖާއާ ގުޅޭ ގޮތުން އޭނާ ދެއްކެވި އެ ވާހަކަތަކުގެ ތެރޭގައި، ރައީސް ޔާމިން ނޫން ފަރާތެއް ވެރިކަމަށް ގެންނަން ބޭނުންވާ ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެ ފަރާތުން ފުރައްސާރަކުރުންތައް ލިބެމުންދާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީއާއި އެޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ނަހްލާ ދައްކަމުން ގެންދަނީ
ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

" މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ މިޕާޓީގެ މެންބަރު ނަޙުލާ ޢަލީ ރޭގެ
ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓްގައި މިޕާޓީއާއި މިޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ޙަޤީޤަތާއި
ޚިލާފު ދޮގު ވާހަކަތަކެއް ކަމުގައި ދެންނެވީމެވެ"

ޕީޕީއެމްގެ ޢާންމު މެންބަރުން ގާތު އާއި، ސޯޝަލް މީޑިއާގައި އެ ޕާޓިއާއި އެޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ނަހްލާ ގެންދަނީ ފަތުރަމުން ކަމަށާއި އެގޮތައް އަމަލުކުރައްވަން ފަށާފައިވަނީ، އޭނާގެ ސުލޫކީ މައްސަލައެއް އެ ޕޓީން ބަލަމުންދާން ފެށުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަހްލާއާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ފެށީ މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާ، ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

" މީގެ އިތުރުން މިޕާޓިގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަން ވެސް ފާހަގަ ކުރަމެވެ. އަދި މިކަންކަން ކުރުމުގައި ނަޙުލާއަލީއާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ، އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް ހިމެނޭ ވާހަކަ ދެންނެވީމެވެ."

ނަހްލާގެ އިތުރުން އޭނާގެ މަންމަ އާމިނަތު ލީލާވެސް އެފަދަ ވާހަކަތައް ދައްކަމުން ގެންދާތީ އޭނާގެ ވެސް ސުލޫކީ މައްސަލައެއް އެ ޕާޓިން ބަލަމުންދާ ގެންދާކަމަށްވެސް މި ބަޔާނުގައިބުނެފައިވެ. އަދި ނަޙަލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލަ ކޮމިޓީން ބެލުމަށް އެއްބާރުލުން ނުދޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ޕީޕީއެމްގެ އެ ބަޔާނާ ގުޅިގެން ނަހްލާ ވަނީ ސުލޫކީ ކޮމެޓީއަށް ޖަވާބު ދާރީވުމަށް އެންގުމުން ވަޑައިނުގެންނެވުނު ސަބަބު ބަޔާންކޮށް ޕީޕީއެމްއަށް ފޮނުވި ސިޓީއެއް އާއްމުކޮށްފަ އެވެ. ޕީޕީއެމްގެގެ ރައީސް ރައީސް އަބްދުﷲ ޔާމިނަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ ސްލޫކީ ކޮމެޓީއަށް ހާޒިރުވުމަށް އޭނާއަށް އެންގިއިރު ހުންނެވީ އީދު ޗުއްޓީއަށް ރަށުން ބޭރުގައި ކަމަށާއި އެވަގުތު ހާޒިރުނުވެވުނީ އެހެން ކަމަށެވެ.