Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

މަރަށް މަރު ހިފުމަކީ މީހުން މެރުން މަދުވާ ކަމެއްތޯ؟

މިއީ މިއަދު ބަޔަކު މީހުން އުފައްދަމުން ދާ ސުވާލެކެވެ. އެބައިމީހުން ބުނާ ގޮތުން، މަރަށް މަރު ހިފުމަކީ އެއްވެސް ގޮތަކަށް މީހުން މެރުމުގެ ޖަރީމާ މުޖުތަމަޢުން މަދުވެގެން ދާ ކަމެއް ނޫނެވެ. އެމެރިކާގައި ހެދިފައި ހުންނަ ދެތިން "ދިރާސާ"އަކަށް އެބައިމީހުން އެ ކަމަށް ހަވާލާ ދެއެވެ.

އެ ބުނާ "ދިރާސާތަކެއް" ގައި ހުރި އުނި ކަންކަމަށް ކަނު ލޮލެއް ދިނުމަށް ފަހު، އެބައިމީހުންނާ ސުވާލުތަކެއް ކޮށްލާނަމެވެ. ތިޔައީ މުސްލިމެއްތޯއެވެ؟ މުސްލިމަކަށް ވަންޏާމު، ކީރިތި ޤުރުއާން ކިޔަވަމުތޯއެވެ؟ ކިޔަވަންޏާމު، ކީރިތި ޤުރުއާނުގައި މަރަށް މަރު ހިފުމަށް އަމުރުކުރައްވާފައިވާ އާޔަތްތައް ކިޔަމުތޯއެވެ؟ މަރަށް މަރު ހިފުން ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲ ފަރުޟުކުރައްވައިފީމޭ އޮތް އާޔަތް އެ ޤުރުއާނުން ނުދެކެންތޯއެވެ؟ މަރަށް މަރު ހިފުމުގައި ޙަޔާތެއް ވާ ކަމުގައި އަންގަވާފައި އޮތް އާޔަތް ނުދެކެންތޯއެވެ؟ އަދި ވާރިޘުން ބޭނުން ނަމަ، ޤާތިލަށް މާފު ދެވިދާނެއޭ ނުވަތަ ބަދަލެއްގެ ގޮތުން މަރުގެ ދިޔަ ނެގިދާނެއޭ ކަނޑައުޅުއްވާ އިޚްތިޔާރު ދެއްވާފައިވާ އާޔަތް ނުދެކެންތޯއެވެ؟ މި ހުރިހާ ކަމެއް އެނގި ހުރެ، މުސްލިމެއް ކަމަށް ދަޢުވާ ކުރާ ޙާލު، މި ޙުކުމްފުޅާ ދެކޮޅު ހަދަން، އެކިއެކި ބަހަނާތައް ދައްކަމުން ތި ދަނީ ހަމަ ޙަޤީޤަތުގައި ވެސް މާތް ﷲގެ ވަޙީބަސްފުޅަށް އީމާންވާތީތޯއެވެ؟

ޔާޤިންވާ އެއް ކަމެއް އެބަ އޮތެވެ. މާތް ﷲގެ ފޮތުގައި ވާ އެއްވެސް ޙުކުމްފުޅަކަށް އެނގި ހުރެ މުއުމިނެއް ދެކޮޅެއް ނަހަދާނެއެވެ. ދީނުގެ ޤަޠްޢީ ހުކުމްފުޅަކާ އެނގި ހުރެ ދެކޮޅު ހަދައިފި މީހަކު ކާފިރު ވާނެ ކަމާ މެދު ޢިލްމުވެރިންގެ އިޚްތިލާފެއް ނެތެވެ. ދީނުގައި ވާރިދުވެފައިވާ މިފަދަ ޤަޠުޢީ ޙުކުމްފުޅުތަކަށް އިންކާރު ކުރާ މީހުން މާތް ﷲ ބިރުވެތިވުން ހުއްޓެވެ. މާތް ﷲ ގެ ޙުކުމްފުޅުތަކަކީ ހިތު ހުރި ގޮތަކަށް އިންކާރު ކުރެވޭނޭ އެއްޗެއް ނޫނެވެ. ރައްބުލްކާއިނާތުގެ ފޮތުގައި އުނިކަމެއް، އަދި ހަމަނުޖެހޭ ކަމެއް ނޯންނާނެއެވެ. އުނިކަން ހުންނާނީ އިންސާނީ ބުއްދީގައެވެ. އުނިކަން ހުންނާނީ އިންސާނީ ދިރާސާތަކުގައެވެ. ނުވަތަ މާތް ﷲގެ ޙުކުމްފުޅުތައް ތަޠުބީޤު ކުރުމުގައި ހަމަކުރަން ޖެހޭ ޝަރުޠުތައް ހަމަ ނުކުރުމުގައެވެ.

ޢުމަރުގެފާނު ވިދާޅުވި ބަސްފުޅުގެ ތެދުކަމާއެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަހުރެމެންނަށް ޢިއްޒަތް ލިބުނީ އިސްލާމްދީނުގެ ސަބަބުންނެވެ. އެ ދީން ނޫން އެހެން އެއްޗަކުން އަހުރެމެން ޢިއްޒަތް ހޯދަން އުޅެގެންފި ނަމަ، އަހުރެމެން ނިމަކެތިވުން ނޫން ކަމެއް ނުވާނެއެވެ."

މިއަދު އިސްލާމީ މުޖުތުމަޢުތަކުން ފެންނަމުން މި ދާ ނިކަމެތިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ މާތް ﷲގެ ޙުކުމްފުޅުތަކަށް ފުރަގަސްދީ، އެކިއެކި ބަހަނާތައް ދައްކައި އެ ޙުކުމްފުޅުތަކާ ދެކޮޅު ހަދަމުން ދާ ދިޔުމެވެ. އިސްލާމްދީން ނޫން އެހެން ހުރިހާ ގޮތަކާއި ފޮތެއް އަޅުގަނޑުމެންނަށް ރީތިވެފައި ވާ ވުމެވެ. އެ ކަންކަމުން ޝަރަފާއި ޢިއްޒަތް ހޯދުމަށް އަޅުގަނޑުމެން އެކަކު އަނެކަކާ ވާދަކުރަން ފަށާފައި ވާ ވުމެވެ. އުއްމަތަށް ޖެހިފައި ވާ އެންމެ ބޮޑު މުޞީބާތަކީ މާތްﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި ވާ ޙުކުމްފުޅުތަކަކީ ކަޓުބޯދާ އެއްޗެހީގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން ޤަބޫލު ކުރާ ކުރުމެވެ. އިލާހީ މަދަދާއި ނަޞްރު އަޅުގަނޑުމެންނަށް ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.

ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ.