Last Updated: March 29, 06:30
Friday, March 29, 2024
ރިޕޯޓް

ރާއްޖޭގައި އެއިޑްސް އާންމުވުމުގެ ބިރު!

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ގައި ޑރ. މުޙައްމަދު ޢަލީ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. "ދިވެހިން މިތިބީ އެއިޑްސް ބަލި ހިމެނޭ ގޮތަށް، ގައިން ގަޔަށް އަރާ ޖިންސީ ބަލިތައް ފެތުރި އާންމުވުމުގެ ތުންފަތްމަތީގައެވެ." މިހެން ވިދާޅުވާން ޖެހިވަޑައިގެން ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ 25 އަހަރުން ދަށުގެ އުމުރުފުރައިގެ އާބާދީއަކަށް ވެފައި، 15-17 އަހަރުގެ 85 އިންސައްތަ ކުދީންނަކީ ޖިންސީ ގުޅުން ހިންގައިފައިވާ ބައެއް ކަމަށް، "ޔޫއެންއެފްޕީއޭ މޯލްޑިވްސް" އިން ކޮށްފައިވާ ދިރާސާއަކުން ދެއްކުމެވެ.
އެހެންކަމުން، ޓްވީޓު ނިންމަވައިލައްވަމުން، އެއިޑްސް ޖެހޭ ގޮތްގޮތާއި، އެ ފެތުރޭ ގޮތްގޮތް ދެނެގަތުމަށް އިލްތިމާސް ކުރައްވައިފައިވެއެވެ.

އާދެ، ކިހައި ހިތާމަވެރި ވާހަކައެއްތޯއެވެ؟ މިއީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގެ ވާހަކައެވެ. އިސްލާމީ މުޖުތަޢެއްގެ ހާލަތު މިހައި ދަށު ދަރަޖައަކަށް ވެއްޓި، މިހައި ނުރައްކާތެރި ބަލިތަކެއްގެ ތުންފަތް މައްޗަށް މުޅި މުޖުތަމަޢު ހުށަހެޅިފައި ވުމީ ކިހައި ބޮޑު ދެރަކަމެއްތޯއެވެ؟ މި ދެކެވެނީ، 15-17 އަހަރުގެ ކުދީންގެ ވާހަކަ އެވެ. އެ އުމުރުފުރައިގެ ކުދީންގެ އާބާދީގެ 85 އިންސައްތައިގެ ކުދީންގެ ވާހަކައެވެ. މުޖުތަމަޢުގައި ފާޙިޝް ކަންކަމާއި ޒިނޭގެ ވަބާ ފެތުރިފައި މި ވަނީ ހައިރާންވެ އަންތަރީސް ވާންޖެހޭ ދަރަޖައަކަށް ނޫންތޯއެވެ؟ މިއީ އަޅުގަނޑުމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އައުން އެކަށީގެންވާ ކަމެއް ނޫންތޯއެވެ؟

ޙަދީޘްގައިވެ އެވެ. ޤިޔާމަތުގެ ޢަލާމާތުގެ ތެރޭގައި ޒިނޭ އާންމުވުން ހިމެނިގެންވެއެވެ. އެހެން ޙަދީޘެއްގައިވެއެވެ. ޒިނޭއާއި ރިބާ އާންމުވެއްޖެއްޔާ، މާތް ﷲ ގެ ކޯފާއަށް، އެ ބަޔަކު އެ ބައެއްގެ ނަފްސުތައް ހުށަހަޅައިފިއެވެ. އިސްލާމްދީނުގައި ވަނީ ޒިނޭއާ ކައިރި ނުވާން އަންގަވައިފައެވެ. އަދި ޒިނޭއަށް ހުށަހެޅިދާނޭ ހުރިހާ މަގަކާއި ދޮރެއް ވެސް ބަންދުކުރައްވައިފައެވެ. އެ ކަންކަން ވަނީ އެންމެ ނުބައި ފާޙިޝް ޢަމަލުތަކުގެ ތެރޭގައި ހިމަނުއްވައިފައެވެ.

އެ ކަންކަމުގައި ހިމެނޭ ދުނިޔެވީ ޢަޒާބާއި އުޚުރަވީ ޢަޒާބު ވެސް ވަނީ ބަޔާން ކުރައްވައިފައެވެ. ވުމާއެކު، އަޅުގަނޑުމެންގެ ސައްތައިން ސައްތަ މި އިސްލާމީ މުޖުތަމަޢުގައި މި ކަން އާންމުވެގެން އުޅޭ ސަބަބާ މެދު ވިސްނައި، ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން ޒިންމާ އަދާކުރަން އެބަ ޖެހެއެވެ. އެހެން ނޫނީ، އަޅުގަނޑުމެންގެ ހެވެއް ނެތެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހެވެއް ނެތެވެ.

އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް އާންމުވުމަކީ، އޭގެ ޒާތުގައި އިލާހީ ކޯފާގެ ތެރެއިން ހިމެނޭ ކަންކަމެވެ. އަދި ކުރިޔަށް އޮތް ތަނުގައި، އެއިޑްސްއަށް ވުރެ މާ ނުރައްކާތެރި ބަލިތައް މި ފަދަ ފާޙިޝް ކަންކަމުން އުފެދި އާލާވުމަކީ ނުވެ ނުދާނޭ ކަންކަމެވެ. "ރައްކާތެރިކަމުގެ" ފިޔަވަޅު އަޅައިގެން ޒިނޭ ކުރިއެއް ކަމަކު، އެއީ ރައްކައުތެރި ކަމެއް ނޫނެވެ. އަދި، އެއީ ނަރަކައިގެ ގަދަފަދަ ޢަޒާބުން އެ މީހަކު ސަލާމަތްވާނޭ ކަމެއް ވެސް ނުމެ ނޫންމެއެވެ.

މިއަދު އަޅުގަނޑުމެން ދަރީންނަށް ކިޔައިދޭންވީ، ޒިނޭގެ ނުބައިކަމާއި، އެ ޢަމަލުން ދުރުވާށެވެ. ނަރަކައިގެ ޢަޒާބުގެ ގަދަފަދަކަމާއި ވޭންދެނިވި ކަމެވެ. ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެ ކަމެވެ. ޒިނޭއާ ކައިރި ވެސް ނުވާށެވެ. މި ކަމުގައި މައިންބަފައިންނާއި، ވެރީންނާއި، ޢިލްމުވެރީން އެބައިމީހުންގެ ޒިންމާ އަދާކުރައްވާން ވީއެވެ. މާތް ﷲ އަށް ބިރުވެތިވާންވީއެވެ.

ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ.