Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރާއްޖެ ޓީވީ ބަހުސް ކެންސަލެއްނުވޭ، ކެންޑިޑޭޓަކު ބައިވެރިނުވާނެ ކަމަކަށް ނުބުނޭ

ރާއްޖެ ޓީވީން އިންތިޒާމް ކުރާ ޗެއާޕާސަން ބަހުސްގައި އެއްވެސް ކެންޑިޑޭޓަކު ބައިވެރިނުވެވޭނެ ކަމަކަށް ނުބުނާ ކަމަށާއި އަދި ބަހުސް ވެސް ކެންސަލް ނުކުރާކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.

ރާއްޖެ ޓީވީގެ އިސް ބޭފުޅަކު ވިދާޅުވީ ޗެއާޕާސަން ބަހުސް ކެންސަލް ކުރިކަމަކަށް އެއްވެސް ގޮތަކަށް އަންގާފައިނުވާނެ ކަމަށެވެ. އަދި މިހާތަނަށް ބަހުސްގައި ކެންޑިޑޭޓަކު ބައިވެރިނުވުމަށްވެސް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަހުސް ބޭއްވުމުގެ ތައްޔާރީތައް ވަމުން މިދަނީ. އެކަމު އަދި ތާރީހާއި ގަޑި ފައިނަލް ނުކުރާތީ އިއުލާން ނުކޮށް އޮތީ. ބަހުސްގައި ވަކި ކެންޑިޑޭޓަކު ބައިވެރިނުވާން ނިންމާ އެކަން އަޅުގަނޑުމެނަށް އަންގާފައެއްނުވޭ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެޓީވީ އިންތިޒާމްކުރާ ބަހުސްގައި މި އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ބައިވެރިވަޑައިނުގެންނެވުމަށް ނިންމި ކަމަށް އަޑުތައް ފެތުރުނެވެ. އެގޮތައް އަޑުތައް ފެތުރުނީ އިންތިއަށް ބައިވެރިނުވިގެން އެ ބަހުސް ކެންސަލްކުރި ކަމަށް އިންތިއާ ވާދަކުރައްވާ ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން މެނޭޖަރ އިބްރާހިމް ވަހީދު ޓުވީޓަރގައި ވިދާޅުވުމުންނެވެ.

ނަމަވެސް އިންތިގެ ކެމްޕެއިން ޓީމުން އެކަން ވަނީ ދޮގުކޮށްފަ އެވެ. އިންތިގެ ކެމްޕެއިންގައި ތަރުޖަމާނު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އައްޑޫލައިވްއަށް ވިދާޅުވީ ބަހުސްގައި ބައިވެެރިވެވޭނެ ދުވަސް ރާއްޖެޓީވީއަށް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްފަހަރުވެސް ނުބުނަން ބަހުސްގައި ބައިވެރިނުވާނަމެކޭ، އެކަމު އަޅުގަނޑުމެންވެސް ކެމްޕެއިނެއްގައި އުޅެމުންދާއިރު އަޅުގަނޑުމެން ވާނީ އަންގާފައި އަޅުގަނޑުމެނަށް މާލެ ގޮސް އެ ބަހުސްގައި ބައިވެރިވެވޭނެ ދުވަހެއް، އަދި ރާއްޖެޓީވީއަކުންވެސް އެ ބަހުސް ކެންސަލްކޮށްފައިވާކަމަކަށް ނުބުނޭ. ބަހުސްގައި އިންތި ބައިވެރިނުވާން ނިންމި ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަމަ ސީދާ ރޯ ބުހުތާނު ދޮގެއް،" ވައްޑެ ވިދާޅުވި އެވެ.