Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އެންމެ ފަހުން ފައްޔާޒުގެ ޖިންސު ވެސް ކަމަކުނުދިޔަ!

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ހޫނުވަމުންނެވެ. މީގެ ތެރެއިންވެސް މިއަދު ފެނުނީ އަދި ތަފާތު ހަމަލާއެކެވެ. އެއީ މި އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒުގެ ފަހުމީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ފައްޔާޒުއަށް ނިސްބަތްކުރައްވައި މިއަދު ކުރެއްވި ޓުވީޓެވެ.

އޭނާ ވަނީ އިންތިއާ ވާދަކުރައްވާ އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ނިސްބަތްކޮށް "މަލާމާތު"ބަސްތަކެއް ރައްދުކުރައްވާފަ އެވެ. އެ ގޮތުން ފައްޔާޒު ކެމްޕެއިންގައި އުޅުއްވާ ފޮޓޯއަކާއެކު ބޮންޑަ ވިދާޅުވެފައިވަނީ މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ. އަދި ސާފުތާހިރު ކަމުގެ ނަމޫނާ ދައްކާން ކޮންމެ މެމްބަރަކު ވެސް ބޭނުންވާނެ ކަމަށް އެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން "މަޖިލީހުގެ ކޮމިޓީތަކަށް ޖިންސާއި ޓީސާޓު ލައިގެން އަނގަފުރެންދެން ފޯއް އަޅައިގެން ވަނުމާ ދެކޮޅަށް ފާޑު ކިޔާ އެކަން ވެސް ވާނީ މިހާރު ހުއްޓުވާފަ" ކަމަށާއި ދައުލަތު އިސްމަގާމުތަކުގައި ތިބޭ މީހުން ނަމޫނާ ވާންޖެހޭނެ ކަމަށްވެސް އެ ޓުވީޓާއެކު ބޮންޑަ ވިދާޅުވެފައިވެ އެވެ.

އޭނާގެ އެ ޓުވީޓަކީ މި އިންތިހާބުގައި މިހާތަނަށް ކެންޑިޑޭޓަަށް ނިސްބަތްކޮށް މެމްބަރަކު އެހާ ހުތުރުކޮށް ބަހުގެ ހަމަލާއެއް ދެއްވި ފުރަތަމަ ފަހަރެވެ.

އޭނާގެ އެ ޓުވީޓަށް ފައްޔާޒުގެ ކެމެޕެއިން މެޖޭނަރ، އިބްރާހިމް ވަހީދު ވަނީ ރައްދު ދެއްވާފަ އެވެ. އޭނާ ވަނީ ވާދަވެރި ކެންޑިޑޭޓުގެ ޓީމުން ފައްޔާޒުއަށް ފުރައްސާރަކުރުން ކުށްވެރިކުރާ ކަމަށްވިދާޅުވެ ޓުވީޓެއް ކުރައްވާފަ އެވެ.

ބޮންޑޭގެ ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މިހާރު އިންތިގެ ކެމްޕެއިންގެ ފަރާތުން ދައްކާނެ ވާހަކަ ހުއްޓުނީތޯ ބައެއް މީހުން ސުވާލު އުފެއްދިއިރު އަނެއް ބަޔަކު ބުނީ ފައްޔާޒުގެ މީހުނަކީ ފިނިކޮޓަރީގައި ތިބެ އެގޮތައް އެންޓިކެމްޕެއިންކުރާ ބައެއް ނޫން ކަމަށެވެ.