Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ރިވެތި އަހުލާގު؛ އިންސާނާގެ އެންމެ ހާއްސަ ސިފަ

އިސްލާމް ދީނަކީ ޝާމިލު ދީނެކެވެ. މި ދީނުގައި އޮންނަނީ ހަމައެކަނި އަޅުކަން ކުރުމެއް ނޫނެވެ. އަޚްލާޤިއްޔާތާއި އިޖުތިމާޢީ ގުޅުމާއި މުޢާމަލާތުގެ ބަޔަކީ ވެސް މި ދީނުގެ ވަރަށް މާތް މަތިވެރި ޤަދަރެއް ދެވިފައި ވާ ޢުންޞުރުތަކެކެވެ.

އިސްލާމް ދީނުގެ ރިސާލަތުގެ މަތިވެރި ޒިންމާ، މާތް ނަބިއްޔާ صلى الله عليه وسلم އާ ހަވާލުކުރެއްވުމުގެ ކުރީން ވެސް، އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރޭގައި ހުންނެވި، އެންމެ މަތިވެރި އަޚްލާޤުގެ ވެރިޔާއެވެ. ދޭދޭ މުޢާމަލާތްތަކުގައި ވަފާތެރިކަމާއި ތެދުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނަށް އަލްއަމީނުގެ ލަޤަބު އެބައިމީހުން ދިނެވެ. އަދި އެކަލޭގެފާނަކީ، އިންސާނިއްޔަތު ދުށް އެންމެ ތެދުވެރި އިންސާނާ ކަމަށް އެބައިމީހުން އެއްބަސްވިއެވެ. އެކަލޭގެފާނަކީ ރީތި އަޚްލާޤުގެ ދަންމަރެވެ.

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އާ ބެހޭ ގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ. ﭐﱡﭐ ﲋ ﲌ ﲍ ﲎ ﲏ ﱠ القلم: ٤ މާނައީ: " އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." މައްކާގައި އެކަލޭގެފާނު ހޭދަކުރެއްވި 13 އަހަރުގައި އެކަލޭގެފާނު ގޮވައިލައްވަމުން ގެންދެވީ ދެ ކަމަކަށެވެ. މާތް ﷲ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށާއި، އަޚްލާޤު ރަނގަޅު ކުރުމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވަނީ، " إِنِّي بُعِثْتُ لِأُتَمِّمَ مَكَارِمَ الأَخْلاَقِ" (البيهي) "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަ ކޮށްދެއްވުމަށް ޓަކައެވެ."

މަތިވެރި އަޚްލާޤުގެ ވެރިޔާ ޤިޔާމަތް ދުވަހުން ވާހުށީ އެކަލޭގެފާނާ އެކުގައި ކަމަށް ބަޔާންކުރައްވައި ޙަދީޘް ކުރައްވައިފައިވަނީ " إنَّ مِن أحبِّكم إليَّ وأقربِكُم منِّي مجلسًا يومَ القيامةِ أحاسنَكُم أخلاقًا" (الترمذي) "ތިޔަބައިމީހުންގެ ކުރެ ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތި އަދި ތިމަންކަލޭގެފާނާ އެންމެ ގާތްވެގެންވާނޭ މީހަކީ އަޚްލާޤުގެ ގޮތުން އެންމެ ފުރިހަމަ މީހާއެވެ."

ދީނުގައި އަޅުކަމުގެ ބަޔަކީ އެންމެ މުހިންމު ބައި ކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އެފަދައިން ހުސްނުލް ޚުލްޤަކީ (ރިވެތި އަޚްލާޤަކީ) ބޭރުފުށުން ކުރާ އަޅުކަމުގައި ފޮރުވިފައިވާ ގަހަނާއޭ ވެސް ދެންނެވިދާނެއެވެ. އެއީ ތިމާގެ ރޫޙާ ގުޅިފައިވާ ކަންކަމެވެ. ރޫޙުގެ ޠާހިރުކަން ކަށަވަރުކޮށްދޭ ކަންކަމެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. " ((إن المؤمنَ لَيُدركُ بحُسن الخُلق درجةَ الصائمِ القائم)). رواه أبو داود وأحمد وصححه الألباني މާނައީ: " މުއުމިނު އަޅާ، އޭނާގެ ރީތި އަޚްލާޤުން ރޯދަވެރީންނާއި ރޭއަޅުކަންކުރާ އަޅުވެރީންގެ ދަރަޖައަށް ފޯރާހުށިކަމެވެ."

ނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން އަޚްލާޤީ ރީތި ސިފަތައް ނެތެމުންދާ ކަމެވެ. ބަރާބަރަށް ނަމާދުކޮށް، ސުންނަތްތަކަށް އަހައްމިއްޔަތުކަން ދޭ މުސްލިމް ބައެއް އަޚުންނާއި އުޚުތުންގެ ކިބައިން ވެސް އަޚްލާޤުގެ މަތިވެރި ސިފަތަކަށް ފަރުވާ ކުޑަކުރެވޭ ތަން ފެނިގެންދާކަމެވެ. އެހެންނަމަވެސް، އަޅުކަމާ އެއްވަރަށް އަޚްލާޤީ ރީތި ސިފަތައް ނަފްސުގައި އަށަގެންނެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ދުޢާއަކީ، އަޅުގަނޑުމެންނަކީ އަޅުކަމުގެ ކަންތައްތަކާ އެއްވަރަށް އަޚްލާޤީ މާތް ސިފަތަކުން ވެސް ޒީނަތްތެރިވެފައިވާ ބަޔަކު ކަމުގައި ލައްވައި، ސުވަރުގޭގައި މާތް ނަބިއްޔާ صلى الله عليه وسلم އާ އެންމެ ގާތުގައިވާ ބަޔަކު ކަމުގައި ލެއްވުމެވެ.

ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ.