Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ޓްވިިޓާގެ އާމްދަނީ އިތުރުކުރަން އާ ޕްލޭންތަކެއް

ޓްވީޓާ ބޭނުންކުރާ މީހުން އިތުރުކޮށް، އެއިން ލިބޭ ފައިދާ ވެސް އިތުރުކުރުމުގެ ގޮތުން އޭގެ ތެރެއިން އިތުރު ސަބްސްކްރިޕްޝަން ހިދުމަތެއް ތައާރަފުކުރަން އުޅޭކަމުގެ އިޝާރާތެއް ޓްވިޓާގެ އާ ވެރިޔާ އީލޮން މަސްކް ދެއްވައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނާ ހަލާވާދީ ޓައިމް އިން ބުނީ މި ވަގުތު "އެކްސް" ގެ ނަން ދީފައިވާ އެ ހިދުމަތް ތައާރަފުކޮށް އަމާޒަކީ 2023 އާ ހަމައަށް އަންނަ އިރު، އެ ބޭނުންކުރާ މީހުންގެ އަދަދު ނުވަ މިލިއަނަށް އިތުރުކޮށް 2028 އާ ހަމައަށް އަންނަ އިރު، އަދަދު 104 މިލިއަނަށް އެރުވުމެވެ.

މިދިޔަ މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު، އީލޮން ވަނީ ވިޔަފާރިތަކާއި ސަރުކާރުތަކަށް ޓްވިޓާ ބޭނުންކުރަން ވެސް ފީއެއް ދައްކަން ޖެހިދާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ޓްވިޓާ މިލްކުކުރެއްވުމަށް ފަހު އޭނާ ގެންދަވަނީ އޭގެ އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ފަހިކުރަން ޕްލޭންތައް ކުރައްވަމުންނެވެ.

"އެކްސް" ގެ ނަމުގައި އާ ސަބްސްކްރިޕްޝަން ހިދުމަތެއް ތައާރަފުކުރަން ނިންމި އިރު، މިހާރު ވެސް ޓްވިޓާގައި "ޓްވިޓާ ބްލޫ" ގެ ނަމުގައި ސަބްސްކްރިޕްޝަން ހިދުމަތެއް ދެ އެވެ. އެއީ ޓްވީޓްތައް "އަންޑޫކުރެވޭ" އަދި އެޕް ކަސްޓަމައިޒް ވެސް ކުރެވޭ ގޮތަށް މިދިޔަ އަހަރު ތައާރަފުކޮށް، ފީއަކަށް މަހަކު 2.99 ޑޮލަރު ނަގަމުން އަންނަ ހިދުމަތެކެވެ.

އީލޮން ވިދާޅުވި ގޮތުގައި މިހާރު އަމާޒަކީ "ޓްވިޓާ ބްލޫ" ބޭނުންކުރާ މީހުންގެ އަދަދު 2025 އާ ހަމައަށް އަންނަ އިރު، 69 މިލިއަން އަދި 2028 ހަމައަށް އަންނަ އިރު 159 މިލިއަނަށް އިތުރުކުރުމެވެ.

އަދި މި ގޮތަށް ހޯދޭ ކުރިއެރުންތަކާ އެކު 2028 އާ ހަމައަށް އަންނަ އިރު ޓްވިޓާގެ އާމްދަނީ 10 ބިލިއަނަށް އަރާނެ އެވެ.

އީލޮންގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 2025 ހަމައަށް 600 މިލިއަނަށް އިތުރުކޮށް، 2028 ގައި އަދަދު 931 މިލިއަނަށް އިތުރުކުރުމެވެ.

މިހާރު ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދަކީ 229 މިލިއަނެވެ.