Last Updated: March 28, 11:51
Thursday, March 28, 2024
ކުޅިވަރު

އާސެނަލް ޗެމްޕިއަންސް ލީގާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑް 2-1 އިން ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމާ ގާތަށް އާސެނަލް އިން ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގުން ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އެވެ. އަނެއް ދެ ޖާގައަށް ވާދަކުރަނީ ޗެލްސީ އާއި އާސެނަލް އަދި ޓޮޓެންހަމް އެވެ. މި މޮޅާއެކު އާސެނަލް އޮތީ 35 މެޗުން ލިބުނު 66 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ޓޮޓެންހަމް އޮތީ 35 މެޗުން ލިބުނު 62 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައި އޮތްއިރު ޗެލްސީ އޮތީ 35 މެޗުން ލިބުނު 67 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.

ލީގުގައި ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ ތިން މެޗު ކަމަށްވާއިރު ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން އާސެނަލް އަށް މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ. ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ.

އާސެނަލްގެ ދަނޑުގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނެޓްތެރޭ އާސެނަލް އިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލު ވެސް އާސެނަލް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއާ އެވެ.

މި މެޗުގެ 27 ވަނަ މިނެޓްގައި ލީޑްސްގެ ޑިފެންޑަރު ލޫކް އަޔަލިން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާ އަށް ރަތްކާޑު ދެއްކީ އާސެނަލްގެ މާޓިނެއްލީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފްގައި އާސެނަލް އަށް ލީޑު ފުޅާކުރަން އިތުރު ފުރުސަތުތަކެއް ލިބުނުއިރު މި މެޗުގައި ލީޑްސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ލޮރެންޓޭ އެވެ.

މި މެޗުން ބަލިވުމުން ލީޑްސް މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. އެގޮތުން ލީޑްސް މިހާރު އޮތީ 35 މެޗުން ލިބުނު 34 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.

ލީގުގައި ލީޑްސް ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ.