Last Updated: April 26, 15:47
Friday, April 26, 2024
ރިޕޯޓް

ޔޮޓްތައް އަނެއްކާ ވެސް އައްޑުއާ ދިމާއަށް!

އައްޑު އަކީ ރާއްޖޭގައި ކުރިން އެންމެ ގިނައިން ބޭރުގެ ޔޮޓްފަހަރު ޒިޔާރަތްކުރާ ތަނެވެ. އެކަމަކު 2009 ގެ ފަހުން އައްޑު އަށް ޔޮޓް އައުން މަދުވެ، އޭގެ ފަހުން ޔޮޓްތައް އައުން ގާތްގަނޑަށް ހުއްޓުމަށް އައިސްފައިވެ އެވެ. އެކަމަކު މިހާރު އަނެއްކާ ވެސް އަހަރުތަކެއް ފަހުން މި ވަނީ މަންޒަރު ބަދަލުވާން ފަށައިފަ އެވެ.

ފަހަކަށް އައިސް އައްޑު އަށް އަންނަ ސަފާރީތަކާއި ކްރޫޒްޝިޕްތައް ވެސް އިތުރުވަމުން އަންނަ އިރު، އުފާވެރި މަންޒަރަކީ އަލުން އައްޑޫން ޔޮޓްފަހަރު ފެންނަން ފެށުމެވެ. މިހާރު ވެސް 10 ވަރަކަށް ޔޮޓް އައްޑޫގައި އެބައޮތެވެ. މީގެ ތެރެއިން ގިނަ އެއްޗެހި ހުރީ ފޭދު އާއި މަރަދުފޭދުއާ ދިމާލުގަ އެވެ.

ޔޮޓްތައް އަލުން އައްޑު އަށް މިސްރާބު ޖެހުމަކީ ހެޔޮ ފާލެކެވެ. މިކަމާ އުފަލުން ތިބި މީހުން ވެސް މަދެއް ނޫނެވެ. ހާއްސަކޮށް އެކި ކަހަލަ ވިޔަފާރިތައް ކުރާ މީހުން ތިބީ ޔޮޓްފަހަރު އިތުރުވާތީ އޭގެ ސަބަބުން ވިޔަފާރި އަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަން ފަށާނެކަމުގެ އުންމީދުގަ އެވެ.

ކުރިން އައްޑު އަށް ޔޮޓްފަހަރު އެންމެ ގިނައިން ޒިޔާރަތްކުރި ދުވަސްވަރަކީ ވެސް ތަފާތު އެކި ކަހަލަ ވިޔަފާރިތައް އިތުރުވި ކަމެކެވެ. އެގޮތުން އާންމުންގެ އަތުން ކުރުނބަލާއި ދޮންކެޔޮގަނޑި ގަތުމާއި ސްވެނިއާ ޝޮޕްތަކުގެ ވިޔަފާރި ވެސް އިތުރުވުމާއޮ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ވިޔަފާރި އަށް ވެސް އެނގުންވެފައިވެ އެވެ.

"އަލުން ޔޮޓްތައް އަންނަން ފެށުމުން ވަރަށް އުފާވެފައި މި ހުރީ." ފޭދޫގައި ދިވެހި އުފެއްދުންތަކާ އެކު ގާޑިޔާ ވިޔަފާރިކުރާ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިކަން އަނެއްކާ ވެސް ކުރީގެ ގިތަށް ދާއިމީ ކަމަކަށްވެއްޖެ ނަމަ އައްޑޫގެ އިގުތިސާދަށް އެކަމުގެ ހެޔޮ އަސަރުކުރާނެ އެވެ. ގަމުގައި ސްވެނިއާ ފިހާރައް ހިންގާ މީހުން ވެސް ތިބީ ޔޮޓްތައް އަލުން އިތުރުވާން ފެށުމުން ވަރަށް ހިތްހަމަޖެހިފަ އެވެ.

ކުރިން އައްޑު އަށް އަންނަ ޔޮޓްތައް މައިގަނޑު ގޮތެއްގައި ބަނދަރުކުރަމުން ދިޔައީ ފޭދު އާއި ގަމާ ގުޅޭ ކޯޒުވޭ ދިމާގަ އެވެ. އެކަމަކު އެ ސަރަހައްދަކީ މިހާރު އާންމު ބީޗަކަށް ވެސް ވުމާ އެކު ޔޮޓްތަކަށް އެތަނުން މިހާރު ޖާގައެއް ނެތެވެ. އައްޑު އަށް ކުރިން ޔޮޓްތައް ޒިޔާރަތްކުރަމުން ދިޔަ ދުވަސްވަރު މި ކޯޒްޗޭ ސަރަހައްދު ޔޮޓްފަހަރުން ފުރާލާފައި އޮންނަ ތަން ވެސް ފެނިފައިވެ އެވެ. އެކި ގައުމުގެ އެކި ސައިޒުގެ ހިތްގައުމު ޔޮޓްތަކެވެ.

އައްޑޫން ޔޮޓްތަކަށް މަރުހަބާ ވެސް ކިޔަން ޖެހެ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ވިސްނުން ހުރި ގޮތަށް ބަލާ އިރު، ޔޮޓް މެރީނާއެއް ހެދުމަކީ ވެސް ޕްލޭނުގައި އޮތް ކަމެކެވެ. އެހެންވެ މިކަމަކީ އައްޑޫގެ އިގުތިސާދާ ގުޅިފައި އޮތް މުހިއްމު ކަމަކަށްވެ އެވެ.

އައްޑޫގައި ކްރޫޒް ޓާމިނަަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ "ފިއުޗާ އޮފް އައްޑޫ ޓޫރިޒަމް" ގެ ނަމުގައި ސެޕްޓެމްބަރު 29، 2021 ވަނަ ދުވަހުގެ ރޭ ކުލަބްހައުސްގައިގައި ބޭއްވި ބޭއްވި ޕެނެލް ޑިސްކަޝަނެއްގަ އެވެ. އޭގައި އޭނާ ވިދާޅުވި ގޮތުގައި ކްރޫޒް ޓާމިނަލެއް އެޅުމަށްޓަކައި ކައުންސިލުން ބިމާއި ސަރަހައްދު ހަމަޖައްސާފައިވާ ކަމަށާއި ކްރޫޒް ޓާމިނަލެއް އެޅުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަހައްދަކީ ގާތްގަނޑަކަށް 100،000 އަށް ވުރެ ބޮޑު އަކަފޫޓުގެ ސަރަހައްދެއް ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ފޭދޫގައި މިހާރު އޮތް ރަސްމީ ބޯޅަ ދަނޑާއި، އެ ބޯޅަ ދަނޑާއި ގުޅުންހުރި ފޭދޫގެ ހިއްކި ބިމާއި އަދި ގަމުގެ ކޯޒްވޭ ސަރަހައްދާއެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާއާ އެކު 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާނެ ވަރުގަދަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްދާނެ ޕްރޮޖެކްޓެއް މިއީ." އޭނާ ވިދާޅުވި އެވެ.

ނިޒާރު އޭރު ވިދާޅުވި ގޮތުގައި މިހާރު ވެސް ތިން ހަތަރު ފަރާތަކުން ވަނީ މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މަންޒަރު މިހާރު ނިއުޅެމުން އަންނަ ގޮތަށް ބަލާ އިރު ކައުންސިލްގެ މި ޕްލޭނުގެ ވާހަކަ އިތުރަށް ދައްކައި މިކަން އަވަސްކުރުމަކީ ވެސް މުހިއްމު ކަމަކަށް ވާނެ އެވެ. ޔޮޓްފަހަރުން އައްޑޫ ފުރާލެވޭނީ ވެސް ޔޮޓް މެރީނާ ފަދަ ވަސީލަތްތަކެއް ގާއިމުކޮށްގެންނެވެ.