Last Updated: January 30, 20:14
Monday, January 30, 2023
ޚަބަރު

މަގު ކޮނެގެން ވެއްޓޭ ފާރުތަކަށް ބަދަލުދޭން ޖެހޭނެ: ނިޒާރު

އައްޑޫގެ މަގު ހެދުމަށް މަގު ކޮނުމާއި ގުޅިގެން ވެއްޓޭ ފާރުތަކަށް ބަދަލު ދޭން ޖެހޭނެކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ ލޯނު އެހީގެ ދަށުން އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރާ އެފްކޯންސް އިން މަގު ހެދުމަށް ދަނީ މަގު ވަރަށް ބޮޑަށް ކޮންނަމުންނެވެ. އޭގެ ސަބަބުން ބައެއް ގެތަކުގެ މަގު ފާރުތައް އަރިއަޅާލާފައިވާ އިރު ބައެއް ގޭގެ މަގު ފާރުތައް ވަނީ ވެއްޓިފައެވެ. އެކަމާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނިޒާރު މިއަދު "އައްޑޫލައިވް" އަށް ވިދާޅުވީ މަގު ފާރުތައް ވެއްޓޭ މައްސަލަ އާއި ގިނަ މަގުތަކެއް ކޮނެ މަސައްކަތް ނުކުރެވޭތީ އިއްޔެ އެފްކޯންސް އަދި ޕްލޭނިން މިނިސްޓްރީ އާއި އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ފާރުތަކުގެ ބަދަލު ދޭން ޖެހޭނެކަމަށް ބުނެފަ އެވެ.

"އިއްޔެގެ ބައްދަލުވުމުގައި ކައުންސިލުން ވަރަށް ސާފުކޮށް ބުނިން ރައްޔިތުންގެ މަގު ފާރުތައް ވެއްޓޭނަމަ އެކަމަށް ބަދަލު ދޭން ޖެހޭނެ ކަމަށް. މިއީ އާދައިގެ ކަމެއް ނޫން. މިގޮތަށް ގެއްލުން ވެގެން ބަދަލު ނުލިބި އޮވެގެން ނުވާނެ. އެ ބަދަލު ދޭން ޖެހޭނެ. އެ މަޝްވަރާ އިއްޔެ މި ކުރެވުނީ." ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ކައުންސިލު ހުވާކޮށް މިވީ މުއްދަތުގައި ވެސް މަގު ހެދުމުގައި ކުރި ކަންބޮޑުވުންތައް އެފްކޯންސް އާއި ޕްލޭނިން މިނިސްޓްރީއާ މަޝްވަރާ ކުރެވިފައިވީ ނަމަވެސް އެއްވެސް ކަމެއް ހައްލުވެފައި ނެތް ކަމަށެވެ.

"މަގުގެ ކޮންސަލްޓެންސީ ދޭ ކުންފުނިން މީގެ އަހަރެއް ކުރިން އޮތީ ބުނެފައި. އައްޑޫގެ މަގުތަކުގެ އިމު ފާރުތައް ހުރީ ބަލިކަށިކޮށް ކަމަށް، އެކަމަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަށް އެފަރާތުން އޮތީ އިރުޝާދު ދީފައި، އެކަމަކު އެގޮތަކަށް ނޫން މަސައްކަތް ދަނީ، އެކަމަކު ދެން އެގޮތަށް މަސައްކަތް ނުކުރާނެކަމަށް އެފްކޯންސްއިން ވަނީ ބުނެފައި، މަގު ފާރުތަކަށް ސަޕޯޓު ދިނުމަށް ފަހު ކޮންނަން ވަނީ ބުނެފައި." ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މަގު ފާރުތަކުގެ މައްސަލާގައި ބަދަލުދިނުމާއި ގުޅޭ ގޮތުން ކުރިއަށް އޮތް ހަފްތާގައި ގޮތެއް ނިންމާނެކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.

މަގު ހެދުމަށް މަގު ކޮނެފައިވާ އިރު ކުރީގެ ހޮސްޕިޓަލްގެ ފާރުވެސް ވަނީ ވެއްޓިފަ އެވެ. އަދި ބައެއް ގޭގެ ފާރުތައް ވަނީ އަރިއަޅާލައި ބައެއް ފާރުތަކުގައި ރެނދު ލައިފަ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރި ބައެއް އާންމުން ބުނެފައި މިހާރު ކޮނެފައިވާ ގިނަ މަގުތަކުގައި ހުރި ބައެއް ގޭތަކުގެ ފާރު މިހާރު އައްޑު އަށް ކުރަމުން އަންނަ ވިއްސާރައާ އެކީ ވެސް ވެއްޓުން ގާތްކަމަށެވެ.