Last Updated: April 20, 16:27
Saturday, April 20, 2024
ރިޕޯޓް

ކޮމިއުނިޓީތައް ބާރުވެރިކޮށް ގެނެވޭ ތަރައްގީ؛ ދެކުނު ކޮރެއާގެ ތަޖުރިބާ

އިޤުތިޞާދީ ތަރައްޤީގެ މަގުގައި ދިވެހިރާއްޖެ އެޅި މުހިންމު ފިޔަވަޅެއްކަމުގައި އަޅުގަނޑު ގަބޫލުކުރަނީ 1972 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތް ފެށިގެން ދިއުމެވެ. ވޭތުވެދިޔަ ފަންސާހަކަށް އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައިގެން ގޮސްފައިވާ ގޮތަކީ މިކުޑަކުޑަ ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ އަދި ދުނިޔޭގެ އެހެން ޤައުމުތަކުން ދިވެހިރާއްޖޭގެ މި ސިނާޢަތް މޮޑެލްއެއްގެ ގޮތަށް ބަލައިގަންނަ، ޢިލްމީ އަދި ދިރާސާ ނަޒަރަކުން މުއްސަނދި ތަޖްރިބާތަކެއް ފެންނަން ހުރި ޙަޤީގަތެއްކަމުގައި ދެކެމެވެ.

މިފަހަރުގެ ކޮލަމްގައި އަޅުގަނޑު ލިޔަން ޤަސްތުކުރާ މައުޟޫއަކީ ކޮމިއުނިޓީތައް ބާރުވެރިކޮށް އަދި ބައިވެރިކޮށްގެން ގެނެވޭ ތަރައްޤީއާއި މެދުގައެވެ. އާދެ، 1960 ގެ އަހަރުތަކުގައި ދުނިޔޭގެ އެންމެ ފަޤީރު އެއް ޤައުމުގެ ގޮތުގައި އޮތް ދެކުނު ކޮރެއާ ފަންސާހަކަށް އަހަރުފަހުން ދުނިޔޭގެ އިޤްތިޞާދީ ބާރަކަށް ބަދަލުކޮށްލި ކޮރެއާ އެކްސްޕީރިއެންސްގެ މައްޗަށް ކުރުގޮތަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

ސެމާލް އުންޑޮންގ ނަމުގައި ރިޕަބްލިކް އޮފް ކޮރެއާ ސައުތު ކޮރެއާ އިން ކުރިއަށް ގެންދިޔަ ކާމިޔާބު މޮޑެލް އަކީ ރޫރަލް ކޮމިއުނިޓީ ތަރައްޤީއަށް އިސްކަމެއްދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހަތްދިހައިގެ އަހަރުތަކުގައި ފެށި މިޕްރޮގްރާމަކީ މިހާރު ކޮރެއާ ތަރައްޤީގެ މަގުގައި ކުރިއަށް ގޮސްފައިވާ ހިސާބަށް ވާޞިލްވުމަށް މެދުވެރިވި ސަބަބުކަމުގައި ދިރާސާ ކުރާ ފަރާތްތައް އެއްބަސްވެއެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރު ދެކުނު ކޮރެއާގެ ރައީސްކަން ކުރެއްވި ޕާކް ޗަން ހީގެ އަމުރުފުޅަށް ސަރުކާރުން ދިރާސާއެއް ހެއްދެވިއެވެ. މިދިރާސާގައި ރޫރަލް ކޮމިނިޓީ ތަކުން އަމިއްލައަށް އިސްނަގައިގެން ދަނޑުވެރިންނާއި ކޮމިޔުނިޓީ ލީޑާރސް އަދި ސަރުކާރު މުއައްސަސާ ތަކާއި ގުޅިގެން ތަރައްޤީގެ މަގުގައި ކުރިއަށްދާންވީ ގޮތް ދިރާސާ ކުރެވުނެވެ. މިދިރާސާގެ ތެރެއިން އެކުލަވާލެވުނު އަޖުމަބެލުމުގެ ޕްރޮޖެކްޓަށް ސެމާލް އުންޑޮންގ އޭކިޔުނެވެ. މިގޮތުން 10 ޕްރޮޖެކުޓް ފަރުމާކުރުމަށްފަހު ޕްރޮޖެކްޓް ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިން ތައްޔާރުކުރެވުނެވެ. އަދި ކުރުމުއްދަތުގެ ތަމުރީނު ޕްރޮގްރާމެއް ހިންގުމަށްފަހު ފަޤީރު އަވަށްތަކުގައި މިދެންނެވުނު ޕައިލެޓް ޕްރޮގްރާމް ފެށުނެވެ. މި 10 ޕްރޮޖެކްޓް ނިމުމަށްފަހު ހެދުނު އިވޭލުއޭޝަންތަކުން ރައީސް ޕާކް ޗަން ހީގެ ސަރުކާރަށް ޤަބޫލުކުރެވުނީ މިކަމަކީ ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރޫރަލް އަވަށްތަކުގެ ދިރިއުޅުން ކުރިއެރުވުމަށާއި ތަރައްްޤީ ކުރުވުމުގެ ފުރަތަމަ ފިޔަވަހި 1971 ވަނަ އަހަރު ފެށުމެވެ. މިގޮތުން ކޮންމެ އަވަށަކަށް 335 ކޮތަޅު ސިމެންތި ސަރުކާރުން ޙަވާލު ކުރިއެވެ. މިތަކެތި ބޭނުންކޮށްގެން އެވަގުތު އެންމެ ބޮޑަށް ބޭނުންޖެފައިވާ ކަންތައްތައް، އާދެ، ފަސޭހައިން ފެން ލިބޭނެގޮތް ޤާއިމުކުރުންފަދަ ކަންކަން ކޮމިޔުނިޓީތަކުން ކުރިއެވެ.

ސެމާލް އުންޑޮންގ ހަތަރު ސްޓޭޖްގެ މައްޗަށް ދެން ބަލާލާނަމެވެ. ފުރަތަމަ ސްޓޭޖް ހިންގުނީ 1971 ން 1973 ށެވެ. މި ސްޓޭޖްގައި އިސްކަމެއް ދެވިފައިވަނީ ފަޤީރު ގެތަކުގެ ފުރާޅުތައް ޓިނުފަދަ ތަކެއްޗަށް ބަދުލުކުރުމާއި މަގުތައް ހެދުންފަދަ އަސާސީ ކަންތައްތައް ކުރުމަށެވެ. މިސްޓޭޖަކީ ކޮންމެހެން އާމްދަނީ އިތުރުވާނެ ކަމަށް ބަލައިގެން ކުރެވުނު ކަމެއްނޫނެވެ. އެހެނަސް، އާންމު ފަރުދުންނަށް ފަސޭހަތަކެއް ލިބި އާންމުންގެ ބައިވެރި ވުން އިތުރުކުރުމަށް ކުރެވުނު ކަމެކެވެ.

ފުރަތަމަ ސްޓޭޖްގެ ކަންކަން ގެންދެވުނުގޮތް ދިރާސާ ކުރުމަށްފަހު ދެވަނަ މަރުޙަލާގައި އިސްކަންދެވުނީ އާންމު ފަރުދުންނަށް އާމްދަނީ އިތުރުކުރެވޭނެ ކަންތައްކުރުމަށް އިސްކަންދީގެންނެވެ. އެދުވަސްވަރު އެއަވަށްތަކުގެ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަންކަމަށް ވުމާއެކު، ދަނޑުތައް ތަރައްޤީކުރުމާއި، އެކި ސީޒަންތަކަށް ބަހާލައިގެން ދަނޑުވެރިކަން ކުރާނެގޮތް ދަސްކޮށްދިނުމާއި، ފެކްޓްރީތައް ޤާއިމުކޮށް ދަނޑުތަކުން ހައްދާ ތަކެތި ވިއްކޭނެގޮތައް ޤާއިމްކުރެވުނެވެ.

އާދެ، ތިންވަނަ މަރުޙަލާގައި، މީހުން ބާރުވެރިކުރުމާއި ޢަޒުމް ވަރުގަދަކުރުމާއި، ކޮމިޔުނިޓީ ގުޅިގެން ތަރައްޤީ ގެނެވޭނެ ކަންތައްތަކަށް އިސްކަންދެވުނެވެ. ސެމާލް އުންޑޮންގގެ ފަހު ސްޓޭޖް ފެށުނީ 1980 ވަނަ އަހަރުއެވެ. މިފަހަރު ކުރިން ސަރުކާރުގެ އިދާރާތަކުން ހިންގަމުން އައި ބައެއް އިޤްތިޞާދީ މަސައްކަތްތައް އަމިއްލަ ފަރުދުންނަށް ދޫކޮށްލެވެނެވެ. އަދި ސަރުކާރާއި އަމިއްލަ ފަރުދުން ޙިއްސާވާ ގޮތަށް ކުރަން ފެށުނެވެ.

ސެމާލް އުންޑޮންގ އަކީ ވަރަށް ކާމިޔާބުކަމާއެކީ ކޮރެއާގައި ހިންގުނު ޕްރޮގްރާމެކެވެ. މިގޮތުން 1970-1979 އަށް ބަލާއިރު ރޫރަލް ގޭބިސީތަކުގެ އާމްދަނީ ބޮޑުތަނުން އިތުރު ވެގެން ދިޔައެވެ. ނަތީޖާ އަކީ، ފަހުގެ ޓެކްނޮލޮޖީ ދަނޑުވެރިން ބޭނުންކުރަން ފެށުމާއި ގަދަ ހިއްވަރާއި ޢަޒުމާއެކު ތަރައްޤީވާން އާންމު ފަރުދުން ގަދައަޅާ މަސައްކަތް ކުރަން ފެށުމެވެ. ސެމާލް އުންޑޮންގގެ ކާމިޔާބީއަކީ މިހާރު ދުނިޔޭގެ ފަޤީރު ޤައުމުތަކަށް ފަޤީރުކަމުން އަރައިގަންނަށް ނުވަތަ ތަރައްޤީގެ މަގުގައި އިތުރު ހަރުފަތަކަށް ދިއުމަށް އޮތް ވަރަށް ވެސް މުހިންމު މޮޑެލް އެކެވެ.

މިކޮލަމް ނިއްމާލުމުގެ ކުރިން ސެމާލް އުންޑޮން ކާމިޔާބުކަމާ އެކީ ހިންގުނު ބައެއް ސަބަބުތައް ތަފްޞީލަށް ނުގޮސް ލިސްޓްކޮށްލާނަމެވެ.

1. ސަރުކާރުގެ ބައިވެރިވުމާއި އެހީތެރިކަން އަދި ރޭވުންތެރިކަން.
2. ތަފާތު ގޮތްގޮތަށް ތަރައްޤީގެ ކަންކަމުގައި އާންމު ފަރުދުން ބައިވެރިކުރެވި އެމީހުންގެ ޙިއްސާ މުހިންމުކަން ވިސްނައިދީ، އެމީހުން ބާރުވެރި ކުރުވުން.
3. ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު ކޮމިޔުނިޓީ ލީޑާރސް ގޮތުގައި ޙަރަކާތްތެރި، އަދި ގިނަބަޔަކު ބަލައިންނަ ހަރުދަނާ މީހުން ކޮމިޔުނިޓީ ތެރޭ އުފެދިގެން އައުން.
4. ފަރުދުންގެ ތެރޭގައި އަށަގެނެފައިވާ ނޭދެވޭ ސިފަތައް ބަދަލުވެ، ކަންނެތްކަމުން އަރައިގަނެ، ޖޯޝާއި ކޮމިޔުނިޓީ ފޯރީގައި ތަރައްޤީ އަށް މަސައްކަތްކުރުމާއި އަމިއްލަ ފައި މައްޗަށް ތެދުވެ، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭ ބަޔަކަށް ވަކިވަކި ފަރުދުންވުން.

އާދެ، ސައުތުކޮރެއާގެ ސެމާލް އުންޑޮން އަކީ 1970 ގެ އަހަރުތަކުގައި އޮތް ދަނޑުވެރި ކޮމިޔުނިޓީއިން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމަކަށް ސައުތުކޮރެއާ ބަދަލުކޮށްލުމުގެ ފައުންޑޭޝަން އަދި ރޫރަލް ޑެވެލޮޕްމަންޓް ޕްލޭނެވެ. ނުވަތަ މިރެކަލް އޮން ދަ ހަން ރިވާ އެވެ.

ނޯޓް: މިއީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގެ މެނޭޖަރު އިދުހާމް ފަހުމީގެ ލިޔުއްވުމެކެވެ.