Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނަޝީދުގެ ތުހުމަތު ސީދާ ރައީސަށް: ހުސެއިން ލައްވާ އެކަން ކުރީ ރައީސް

އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހްގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ހުރަސް އެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ އެއް އަހަރު ކުރިން ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ފޮރުވަން އުޅުނު ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ވަޓްސްއަޕް ގުރޫޕެއްގައި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ތުހްމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އެ ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވި އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ﷲ ގަންދީ ހުވާކޮށް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

އެއަށްފަހު ރޭގައި އެމަނިކުފާނު އެ ގުރޫޕްގައި އެ ތުހްމަތު ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އެޅުއްވިއެވެ އަނއެކަން ކުރައްވަމުން ގެންދެވީ ރައީސް ސޯލިހް އަންގަވައިގެން ކަމަށް ވިދާޅުވި އެވެ.

"ހުސެއިންނަށް އެނގިވަޑައިގަންނަވާނެ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެގެން ހުސެއިން ވަނީ ތިޔަ ހުރިހާ ކޮމެޓީއަކަށް ހުރަސް އަޅުއްވާފައިކަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

"ޖުޑިޝަރީ ކޮމެޓީވެސް އަދި 241 ކޮމެޓީވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެގެން ހަރާބުކުރެއްވި އެއް ބޭފުޅަކީ އަނދުންހުސެއިން. އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް ތައުރީފުކުރާނެ އެއްކަމަކީ މާލެ ތެރެއިން ތިޔަކަހަލަ ބޭފުޅެއް ހޯދެއްވިކަން،" ނަޝީދު އިތުރަށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ރައީސް ސޯލިހްއާ ގުޅުވުމަށްފަހު ނަޝީދު ދެން ވިދާޅުވީ "ރައީސް ޔާމީން ވާ ރައީސް މައުމޫނު ހަމައެކަނި ޖަލަށް ލީ،" ކަމަށެވެ.

އަނދުން ހުސެއިން ކުރެއްވި ކަމަކީ ސީދާ ރައީސް ސޯލިހުގެ އެންގެވުމަށް ކުރެއްވި ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އޭގެ ކުރިން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ލޭ ހުސެއިން އަތުގައި އުނގުޅިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"..ހުސެއިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ތުހްމަތުތައް އެގޮތައް ހުރި ނަމަވެސް ރައީސް ސޯލިހް އަދި ސީދާ އެކަމަށް ރައްދު ނުދެއްވަ އެވެ.