Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ތަރާވީސްކުރާނެ ދިވެހި ހާފިޒުން އިތުރުކުރަނީ

ރާއްޖޭގައި ތިބި ހާފިޒުން ތަރާވީސް ނަމާދުކުރުމަށް އަންނަ އަހަރަށް ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލު ވިދާޅުވީ ގުރުއާން ހިތުދަހަސް ތަރާވީސްކުރުމާއި ނަމާދުގައި ހިފްޒުކޮށް ކިޔެވުމާ ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރެދާނެ ކަމަށެވެ. އެހެންވެ ބައެއް މީހުންނަށް ހިފްޒުކުރެވުނަސް ނަމާދު ކުރުމަށް ގޮންޖެހުންތަކާ ދިމާވާ ކަމަށާއި އެހެންކަމުން އެކަމަށްޓަކައި މީހުން ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމީ ކަމަށް ވިދާޅުވި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އިސްލާމިކް ޔުނިވަސިޓީއާ ގުޅިގެންނެވެ. އަދި މީގެ ސަބަބުން ދިވެހި ހާފިޒުން އިތުރުކުރެވޭނެ ކަމަށް ވެސް އަދީލް ވިދާޅުވި އެވެ.

ދިވެހި ހާފިޒުންނަށް ހިތްވަރުދިނުމުގެ ގޮތުން ތަރާވީސްކުރާ ކޮންމެ ރެޔަކަށް 500ރ. ގެ އެލަވަންސެއް ނިމުނު ރޯދަ މަހު މިނިސްޓްރީން ދިނެވެ. މީގެ ކުރިން ދިވެހި ހާފިޒުންނަށް ދެމުން އައީ 400ރ. ގެ އެލަވަންސެކެވެ.

ދިވެހި ހާފިޒުން މަދުވުމުގެ ސަބަބަކުން ރާއްޖޭން އާންމުކޮށް ރޯދަ އަށް ހިފުޒުކޮށް ތަރާވީސްކުރާނެ ހާފިޒުން ގެނަ އެވެ. އެގޮތުން މި އަހަރު ވެސް ބޭރުން ހާފިޒުން ގެނަ އެވެ.