Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ފުވައްމުލަކު ބަންޑާރަ ކިޅި ކުއްޔަށް ދީފި

ފުވައްމުލަކު ބަންޑާރަ ކިޅި ހިމެނޭ ގޮތަށް އެ ސަރަހައްދު ވިޔަފާރި އުސޫލުން ކުންފުންޏަކަށް މިއަދު ކުއްޔަށް ދީފީ އެވެ.

އެކަމުގެ އެއްބަސްވުމުގައި މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުން ސޮއިކޮށްފައިވާ އިރު، ގުދުރަތީ ހިތްގައިމު ވެއްޓެއް ވެސް ލިބިފައިވާ ސަރަހައްދު 15 އަހަރަށް ކުއްޔަށް ދިނީ ލީކްސް ގްރޭންޑްއަށެވެ.

މިކަމާ ބެހޭ ގޮތުން ކައުންސިލުން ބުނީ ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތާއި އިމާރާތް ހިމެނޭ ބިން ކުއްޔަށް ރަށުގެ ގުދުރަތީ ވެށި ސާފުތާހިރު ކަންމަތީ ދެމެހެއްޓުމާއިި ތަނުގައި ހަދާފައިވާ ތަންތަން ވެސް ބެލެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.

"މިއީ ސިޓީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމާއި އަދި ރަށުގެ އިގުތިސާދު ކުރިއަރުވައި ވަޒީފާގެ ފުރުސަތު ވެސް ރަށުގެ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް." ކައުންސިލުން ބުންޏެވެ.

ހިމާޔަތްކޮށްފައިވާ ފުވައްމުލަކު ބަންޑާރަ ކިޅި އަކީ އެތަނުގެ ވެށި ޒިޔާރަތްކުރާ މީހުންނަށް ބަލާލެވޭނެ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ތަނެކެވެ. އަދި އެތަން ހަދާފައި ހުރީ ރެސްޓޯރަންޓް ވެސް ހިންގޭ ގޮތަށެވެ. އެތަނުގައި އެ ވިޔަފާރި ވެސް ކުރިން އެވެ.

ބަންޑާރަ ކިޅި ސަރަހައްދު ތަރައްގީކުރީ 2011 ގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށެވެ.