ސްރީލަންކާގެ ބައެއް ސިޔާސީ މީހުން ފިލައިގެން އިންޑިއާ އަށް ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިންޑިއާ އިން ދޮގުކޮށްފި އެވެ.
ލަންކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ލަންކާގެ ބައެއް ސިޔާސީ މީހުންނާއި އެމީހުންގެ އާއިލާތައް ފިލައިގެން އިންޑިއާ އަށް ގޮސްފައިވާ ކަމުގެ ވާހަކަތައް ދެކެވޭކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މިފަދަ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
ލަންކާގެ މަސްރަހު ހޫނުވެފައިވާއިރު އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މަގާމުން އިސްތިއުފާ ދެއްވި ނަމަވެެސް ރާޖަޕަކްސަ އަދި އޭނާގެ އާއިލާ ގައުމު ދޫކޮށް ނުފިއްލަވާނެ ކަމަށް މަހިންދަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވަނީ ވިދާޅުވެފަ އެވެ.
މަހިންދަ އިސްތިއުފާ ދެއްވި ނަމަވެސް ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ މުޒާހަރާތައް ހުއްޓާލާނީ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ވެސް މަގާމުން އިސްތިއުފާ ދެއްވުމުން ކަމަށް ބުނެފަ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ގޮޓާބަޔާ މިހާތަނަށް ދެއްވާފައެއް ނުވެ އެވެ.
ލަންކާ މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން "ހާލުގައި ޖެހި" ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު އެގައުމުގައި މާދަމާ ހެނދުނު 7:00 ނިޔަލަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ވެސް މުއްދަތެއް ނެތް ގޮތަށް ވަނީ އިއުލާންކޮށްފަ އެވެ.