Last Updated: April 20, 13:48
Saturday, April 20, 2024
ރިޕޯޓް

ކޮލަމް: ދިރިއުޅުމަށް މަސައްކަތްކުރަން ތަޢުލީމީ ދާއިރާ ކަނޑައެޅުން!

ކޮންމެ ކުއްޖަކުވެސް ބޮޑުވަމުން އަންނައިރު، ތިމާ ބޮޑު މީހަކަށް ވުމުން ވާން ބޭނުމީ ކޮންކަހަލަ މީހެއްކަމުގައި ހިތުގައި އޮވެއެވެ. ބައެއްފަހަރު ބައްޕަ ނުވަތަ މަންމަ ދިރިއުޅުމަށް ކުރާ މަސައްކަތް ގާތުން ދެކި އެ ކަމަކީ ތިމާ ވެސް ދިރިއުޅުމަށް ކުރަން ރަނގަޅު ކަމެއް ކަމުގައި ބެލެވެއެވެ. ނުވަތަ ރައްޓެހިންގެ މައިންބަފައިން ކުރާ މަސައްކަތްތަކަކީ އެންމެ ގަޔާވާ މަސައްކަތް ކަމުގައި ދެކެވެއެވެ.

މަދުރަސީ ދައުރުގެ ފަހު އަހަރުތަކުގައި މި ގޮތުން ދެކޭ ދެކުމަށް ގިނަ ބަދަލުތަކެއް އައިސް ގިނަ ކުދިންނަށް މަސައްކަތުގެ ދާއިރާ ކަނޑައެޅުމަށް ދަތިވެ އެހީތެރިކަން ބޭނުންވެއެވެ. މިގޮތުން ސާނަވީ ތަޢުލީމަށް ފަށާ ހިސާބާއި މަތީ ސާނަވީގެ މަރުޙަލާ ނިމޭ ހިސާބަކީ ދާއިރާ ކަނޑައެޅުމަށް އެންމެ މުހިއްމު ދެ ހިސާބެވެ.

ދާއިރާ ކަނޑައެޅުމުގައި ތިމާގެ ޝައުޤުގެ އިތުރަށް ވަޒީފާގެ ފުރުޞަތުތައް ހުރީ ކޮން ދާއިރާތަކަކުންތޯ ވެސް ވިސްނާލަން ޖެހެއެވެ. ސަބަބަކީ މަތީ ތަޢުލީމާއި ތަމްރީނު ލިބުމަށް ފަހު ވަޒީފާއެއް ނުލިބުނު ނަމަ ތިމާ މާޔޫސް ވުމުން ދުރުވުމުގެ ފުރުޞަތު އެކަން އެގޮތަށް ކުރުމުން ލިބޭނެތީ އެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަޒީފާތައް އޮތް އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ.

މިގޮތުން ޕްރީ ސްކޫލްތަކާއި ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގައި މުދައްރިސުކަމުގެ ވަޒީފާތަށް ހުރެއެވެ. އަދި މުދައްރިސުކަމުގެ ވަޒީފާގެ ފުރުޞަތު އެންމެ ތަނަވަސްކޮށް ލިބެން އޮތީ ސާނަވީއަށް އުގަންނައިދޭ ސްކޫލުތަކުގައެވެ. ރާއްޖޭގައި ސާނަވީ މަރުޙަލާގައި ކިޔައިވައިދޭ މަތީ އިންސައްތައެއްގެ މުދައްރިސުންނަކީ ބިދޭސީންނެވެ. ބިދޭސީން މި ވަޒީފާތަކުގައި ގެންގުޅެން ދައުލަތަށް މަޖުބޫރުވަނީ އެ ވަޒީފާތަކަށް އަންނާނެ ދިވެހިން ނުލިބޭތީ އެވެ.

ގިނައެހެން ފަންނީ ދާއިރާތަކެކޭ ވެސް އެއްފަދައިން މުދައްރިސަކަށްވާން ބޭނުންނަމަ، އެކަމުގެ ތަމްރީނާއި އަދި މުސްތަޤްބަލްގައި ލައިސަންސެއްވެސް ލިބެންޖެހެއެވެ. މިތަމްރީނުތަކުގެ ތެރެއިން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ހުނަރުތައް ދަސްކޮށްދެވެއެވެ. އެގޮތުން މަންހަޖަށް އަހުލުވެރިކޮށް، ކިލާހުގައި ދަރިވަރުން ގެންގުޅޭނެގޮތް ދަސްކޮށްދީ، އަޚުލާގާއި ސުލޫކާއި ހުނަރާއި މަޢުލޫމާތުތައް އެ ދަރިވަރުންނަށް ފޯރުކޮށްދޭނެ ގޮތް މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުން ދަސްވެއެވެ.

ވުމާއެކު މުދައްރިސުކަމުގެ ދާއިރާއަށް ތިމާ ނިކުންނައިރު ޢިލްމާއި ހުނަރުގެގޮތުން ތައްޔާރުވެ، ޖެހިލުވުމުން އެއްކިބާކޮށްދީ އަމިއްލަ ނަފްސަށް އިތުބާރު ހޯދާދެއެވެ. ޤައުމީ ޔުނިވާރސިޓީގައި ހިންގާ ބެޗެލަރ އޮފް ޓީޗިންގ އާއި ބެޗެލަރ އޮފް އެޑިޔުކޭޝަން ފަދަ ޕްރޮގްރާމްތަކަކީ މި ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ކޯސްތަކެކެވެ.

ތިމާއަކީ ކުރިން ބިޒިނަސް ނުވަތަ ސައެންސްގެ ރޮނގަކުން ކޮންޓެންޓް ޑިގްރީއެއް ހާޞިލްކޮށްފައިވާ މީހެއްނަމަ ވެސް ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ މާސްޓާރ އޮފް ޓީޗިންގ ހެދުމުން ޕްރޮފެޝަނަލް ޓީޗަރަކަށް ވެވެއެވެ. މިފަދަ ކޯސްތައް ފުރިހަމަކޮށް މުދައްރިސަކަށް ވުމުން ނިސްބަތުން ވަރަށް ރަނގަޅު އާމްދަނީއެއް މިހާރު ލިބެއެވެ. އަދި ޓީޗަރެއްގެ ވަޒީފާގައި އުޅެމުން ފުރިހަމަ ކުރެވޭ އެޑިޔުކޭޝަނަލް ލީޑާޝިޕް އާއި މެނޭޖްމަންޓް ގެ މާސްޓަރ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ސްކޫލުތަކުގެ މެނޭޖްމަންޓްގެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުޞަތުތައް ހުޅުވި ކުރިއަށްދާނެ އިތުރު އަލި މަގެއް ކޮށެއެވެ. މިގޮތުން ލީޑިންގ ޓީޗަރުކަމާއި ޑެޕިއުޓީ ޕްރިންސިޕަލްކަމާއި އަދި ޕްރިންސިޕަލަކަށް ވުމަށް މަގުފަހިވެއެވެ.

ނޯޓު: މި ލިޔުމަކީ އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ލެކްޗަރާ މުޙައްމަދު ޖަމީލް ލިޔުއްވާފައިވާ ލިޔުމެކެވެ. ޖަމީލަކީ ތަފާތު ދާއިރާތަކުން ލިޔުއްވާ ބޭފުޅެކެވެ. ހާއްސަކޮށް ސައިންސްގެ ދާއިރާތަކުގެ އިލްމީ ލިޔުންތައް އޭނަގެ އަމިއްލަ ބްލޮގް، އަލިތަރި.ކޮމްގައި ލިޔުއްވަ އެވެ.