Last Updated: April 26, 23:59
Saturday, April 27, 2024
ދުނިޔެ

ޓްރަމްޕް ޓްވިޓާ އިން ބޭރުކުރުން ގޯސް: އީލޮން

އެމެރިކާގެ ކުރީގެ ރައީސް ޓްވިޓާ އިން ދާއިމަށް ބޭރުކުރުމަކީ "އަހުލާގީ ގޮތުން" ވަރަށް ގޯސް ނިންމުމެއް ކަމަށް ޓްވިޓާގެ އާ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ޓްވިޓާ އިން ބޭރުކުރި ކުރުމާ ބެހޭ ގޮތުން އިއްޔެ "ފިއުޗާ އޮފް ދަ ކާ" ކޮންފަރެންސް ގައި ފައިނޭންޝަން ޓައިމްސް އިން ސުވާލުކުރުމުން އީލޮން ވިދާޅުވީ އެމެރިކާގެ 45 ވަނަ ރައީސަށް އޭނަގެ ޝުއޫރުތައް އާންމުންނަށް ފާޅުނުކުރެވޭ ގޮތަށް ހެދުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޓްވިޓާ އިން ބޭރުކޮށްލުމުގެ ބަދަލުގައި އެޅިދާނެ އެހެން ފިޔަވަޅުތަކެއް ވެސް އެބަހުރި. އެގޮތުން އެ މީހެއްގެ ޓްވީޓަކީ މިންގަނޑަށް ނުފެތޭ އެއްޗެއް ކަމަށްވާ ނަމަ އެ ޑިލީޓްކޮށްލެވިދާނެ ނޫނީ ނުފެންނަ ގޮތަށް ވެސް ހެދިދާނެ،" އީލޮން ވިދާޅުވި އެވެ. "ހަމަ އެ ގޮތަށް ވަގުތީ ގޮތުން އެ މީހަކު ޓްވިޓާ އިން ސަސްޕެންޑް ވެސް ކުރެވިދާނެ. އެކަމަކު ދާއިމީކޮށް ބޭރުކުރުން ގޯސް."

އެހެންވެ ޓްރަމްޕާ މެދު އެޅި ފިޔަވަޅު އުވާލެވިދާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ މަހު ޓްރަމްޕް ވަނީ ދެން އަލުން ޓްވިޓާ ބޭނުންކުރައްވަން ޝައުގުވެރި ކަމެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ޓްވިޓާ އިން ބޭރުކުރި މައްސަލަ ބާތިލުކޮށްދޭން މިދިޔަ އަހަރު ކޯޓަށް ހުށަހެޅުއްވި އެވެ. މި ހަފުތާގައި ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެއީ އޭގައި ހުރި ބާގަނޑުތަކާ ހެދި އަލުން މައްސަލަ ހުށަހެޅޭ ގޮތަށް އަދި ބޭނުން ނަމަ މައްސަލަ އަލުން އިސްތިއުނާފު ވެސް ކުރެވޭ ގޮތަށެވެ.

ޓްރަމްޕް ޓްވިޓާ އިން ބޭރުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ފިޔަވަޅު އެޅީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިނުގަތުމުން ސަޕޯޓަރުންނަށް ހިތްވަރު ދެއްވައި، ޖެނުއަރީ މަހުގެ 6 ގައި އެމެރިކާހެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކެޕްޓަލް ހިލްގައި ހިންގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އޭރު ޓްވިޓާގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ވެސް ޓްރަމްޕް ބޭރުކުރި އެވެ.