Last Updated: May 27, 17:26
Friday, May 27, 2022
ޚަބަރު

އައްޑޫ ގާމެންޓް ފެކްޓްރީ އަށް ކޮންސަލްޓަންޓަކް ހޯދަނީ

ގަމުގައި ކުރިން ހިންގި ގާމެންޓް ފެކްޓްރީއެއް.

އައްޑޫގައި ހަދަން ނިންމާފައިވާ ގާމަންޓް ފެކްޓްރީ އަށް ކޮންސަލްޓަންޓަކް ހޯދަން އިއުލާންކޮށްފި އެވެ.

ވޯލްޑް ބޭންކް އެހީގައި މި މަޝްރޫއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ބިޒްނެސް ސެންޓަ ކޯޕަރޭޝަނުން ބުނީ ގާމެންޓް ފެކްޓަރީއަށް އޮޕަރޭޝަނަލް ކޮންސަލްޓަންސީ ދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުުވާލައިފައިވާ ކަމަށެވެ. އެތަނުން ބުނި ގޮތުގައި ފެކްޓްރީ ހަދަން ހިތަދޫން ބިން ވެސް ހަމަޖެހި އެ މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީ ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ކޮންސަލްޓަންޓާ އެކު ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ ފެކްޓްރީގެ އިމާރާތުގެ ޑިޒައިނިން އާއި ފެކްޓްރީ ހިންގުމަށް ބޭނުންވާ ލަފާ ހޯދުމެވެ.

އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ނިންމި ވާހަކަ ބީސީސީން އިއުލާންކުރީ 2020 ގަ އެވެ. އަދި އެ އަހަރު ފަހުކޮޅު ވެސް އެކަމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ވެސް ހުޅުވާލި އެވެ. ގާމެންޓް ފެކްޓްރީ ހެދުމާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ކައުންސިލުން އާންމުންގެ ހިޔާލަށް ވެސް ހުޅުވައިލި އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި މިކަމާ ބެހޭ ގޮތުން ވޯލްޑް ބޭންކާއި ބީސީސީގެ ޓީމަކުން އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފައިވެ އެވެ.

އައްޑު އަކީ ކުރިން ވަރަށް ފުޅާކޮށް ގާމެންޓް ފެކްޓްރީ ހިންގި ތަނެކެވެ. އެގޮތުން ސްރީ ލަންކާގެ ކުންފުނިތަކަކުން އަހަރުތަކެއް ވަންދެން ގަމުގައި ފެކްޓަރީތަކެއް ހިންގި އެވެ. އޭގެ އޭގެ ސަބަބުން އޭރު އައްޑުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ.