Last Updated: May 1, 20:45
Wednesday, May 1, 2024
މުނިފޫހިފިލުވުން

ޓައިގާ އަށް "ރާމްބޯ" ލިބުމުން ރަންވީރު ރުޅި އައި!

ހޮލީވުޑްގެ ފިލްމު "ރާމްބޯ" ހިންދީ ރިމޭކް ކުޅެން ޓައިގާ ޝްރޮޕަށް ލިބުމުން އެކަމާ ވަރަށް ހިތްހަމަނުޖެހިގެން އުޅުނު ކަމަށް އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ ސޯޝަލް ކޮމެޑީ "ޖަޔޭޝްބާއީ ޖޯރުދާރު" ގެ ޕްރޮމޯޝަންގެ ތެރެއިން ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ބުނީ އޭނާ ބޮޑުވެގެން އައީ އާނޯލްޑް ޝްވެޒްނެގާގެ "ކޮމާންޑޯ" އާއި ސިލްވެސްޓަ ސްޓެލޯންގެ "ރާމްބޯ" އާއި "ރޮކީ" ފަދަ ފިލްމުތަކުގެ ފޯރީގެ ތެރޭގައި ކަމަށެވެ.

"ބޮޑުވަމުން އައި އިރު އެ ފިލްމުތަކުގެ ތެރޭގައި އަހަންނަށް އުޅެވުނީ. އަދި އެއްޗެހި ބަލާފައި އަބަދު ވެސް ބޭނުންވީ ހީރޯއަކަށްވާން،" މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރު ބުންޏެވެ. "ސިލްވެސްޓާ އާއި އާނޯލްޑަކީ އަހަރެންގެ ހީރޯއިން."

އޭނާ ބުނީ އެފަދަ އެކްޓަރަކު ކުޅުނު ރޯލެއް ކުޅުމުގެ އުންމީދުގައި ހުއްޓައި، ޓައިގާ އަށް "ރާމްބޯ" ގެ ރިމޭކް ލިބުމުން ވަރަށް ހިތްހަމަނުޖެހުނު ކަމަށެވެ. އަދި އެ ރޯލު ލިބެން ވާނީ އޭނާ އަށް ކަމަށް ގަބޫލުކުރި ކަމަށް ވެސް ރަންވީރު ބުންޏެވެ.

"އެ ރޯލު އަހަންނަށް ނުލިބުމަކީ ފަހަރުގައި އަހަރެންގެ ފޯލްޓަކަށް ވެސް ވެދާނެ." އޭނާ ބުންޏެވެ.

ޓައިގާއާ އެކު 1982 ގެ "ރާމްބޯ" ގެ ހިންދީ ރިމޭކަށް ހަދަން ނިންމިކަން 2017 ގައި އިއުލާންކުރީ 2018 ގައި ރިލީޒް ވެސް ކުރާ ގޮތަށެވެ. އެކަމަކު އެ ފިލްމަކީ އަދި މިހާތަނަށް ވެސް މަސައްކަތް ނުފެށި އޮތް އެއްޗެކެވެ. އޭރު އެ ޑައިރެކްޓްކުރާ ގޮތަށް އޮތީ ޓައިގާ އާއި ރިތިކް ރޯޝަންގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ.