Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

އެސްޖީ ޝުޖާއު އެކަހެރިކުރި މައްސަލާގައި ގޮތެއް ނިންމަނީ

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ މައްޗަށް އިތުބާރުގެ ނެތްކަމުގެ ވޯޓެއް ނަގައި، ކައުންސިލްގެ މަަސައްކަތްތަކުން އޭނާ އެކަހެރިކޮށްފައިވާ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމާ މެދު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ޝުޖާއު ކައުންސިލްގެ އެސްޖީގެ މަގާމަށް ކޮމިޝަަނުން އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭނަގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، ކައުންސިލްގެ ބައްދަލުވުންތަކުން ވެސް އެކަހެރިކުރީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އަދި އިތިުބާރު ނެތް ކަމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން ކައުންސިލުން ނިންމި ނިންމުންތަކާ ބެހޭ ލިޔެކިޔުންތައް ސީއެސްސީ އަށް ހުށަހަޅާފައިވާތީ އެ އެއްޗެހި ދިސާރާކުރަމުން އަންނަ ކަމަށް ކޮމިޝަނުން ބުންޏެވެ.

ސީއެސްސީން "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އެސްޖީއާ މެދު ކައުންސިލުން ނިންމި ނިންމުންތައް މިހާރު ދިރާސާކުރަމުން އަންނާތީ އެކަމާ ގުޅޭ ގޮތުން އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޝުޖާއު މަގާމުން އެކަހެރިކޮށް އެސްޖީ ނަންގަވަން ޖެހޭ ޒިންމާތައް ކައުންސިލުން މިހާރު ހަވާލުކޮށްފައި ވަނީ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ލުތުފީއާ އެވެ.

ޝުޖާއުގެ މައްޗަށް ކައުންސިލުން ނެގި އިތުބާރުގެ ވޯޓާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ކައުންސިލަށް އަމާޒުވެ، ބައެއް ކައުންސިލަރުންގެ އިލްމީ ފެންވަރާ މެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

ޝުޖާއުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށަހެޅީ މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެސްޖީ މަގާމުން އެކަހެރިކުރީ ކައުންސިލުން "އަޑިއަޑިން ހިންގަން ބޭނުންވާ ޖަރީމާތަކަށް" އެސްޖީގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުންނެވެ.

ޝުޖާއު އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް މަސައްކަތްކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ޝުޖާއު ވަނީ އެސްޓީއޯގައި ވެސް 21 އަހަރު ވަންދެން މަތީ މަގާމުތަކެއް ފުރުއްވައިިފަ އެވެ. އަދި
މޯލްޑިވް ގޭހާއި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގައި ވެސް އޭނާ މަސައްކަތްކުރައްވާފައިވެ އެވެ.

ޝުޖާއު ގެންދަވަނީ މިހާރު ފްރެންޗް އައިޕީއީ ސްކޯލަޝިޕްގެ ދަށުން މެލޭޝިއާގެ ކޮލެޖަކުން ޕީއެޗްޑީ ވެސް ހާސިލުކުރައްވަމުންނެވެ.