Last Updated: May 30, 20:09
Tuesday, May 30, 2023
މުނިފޫހިފިލުވުން

ކަރީނާ އާ ފިލްމުގެ ޝޫޓިން ފަށައިފި

މިދިޔަ އަހަރު ދެވަނަ ދަރިފުޅު ލިބުނު ފަހުން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ސޮއިކުރި ފިލްމުތަކުގެ ތެރެއިން ޑައިރެކްޓަރު ސުޖޯއި ގޯޝްގެ އާ ފިލްމުގެ ޝޫޓިން މިއަދު ފަށައިފި އެވެ.

ޝޫޓިން އަށް ތައްޔާރުވުމުގެ ގޮތުން މޭކަޕް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް މިއަދު ކަރީނާ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. "ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" ގެ ނަން ދީފައިވާ މި މިސްޓްރީ ތުރިލާގެ ޝޫޓިން ކުރިއަށް ދަނީ ވެސްޓް ބެންގާލްގެ އަވަށެއް ކަމަށްވާ ކަލިމްޕޮންގަ އެވެ.

މީގެ ޝޫޓިން ފެށި އިރު، މި އަހަރު އޮގަސްޓް 11 ގައި ރިލީޒްކުރާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އިން ވެސް ކަރީނާ ފެންނާނެ އެވެ.

ދެހާސް ނަވާރައިގެ "ބަދުލާ" ގެނެސްދިން ޑައިރެކްޓަރު ސުޖޯއިއާ އެކު ކަރީނާ މަސައްކަތްކުރާ އަދި ނެޓްފްލިކްސްއާ ގުޅިގެން ހަދާ ފިލްމުގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު 2020 ގެ "އަނގްރޭޒީ މީޑިއަމް" އެވެ.