Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

އިންތި ސަރުކާރު ނުހިނގާ ވާހަކަ، ފައްޔާޒު ޕާޓީ ނުހިނގާ ވާހަކަ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއެކު ރާއްޖެއިން ޓީވީން މިރޭ ގެނެސްދިން ބަހުސްގައި ސަރުކާރަށާއި ޕާޓީގެ ލީޑަރޝިޕަށް ބަހުގެ ހަމަލާތައް ރައްދުކޮށްފި އެވެ.

ގަޑިއެއްގެއިރަށް ކުރިއަށްގެންދިޔަ ބަހުސްގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލްގެ ބަހުގެ ހަމަލާތައް ރައްދުވީ ޕާޓީގެ ލީޑަރޝިޕަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރު އައުމަށްފަހު ޕާޓީ އެއްގޮތަކަށްވެސް ނުހިނގާ ކަމަށެވެ. އަނެއްކޮޅުން އޭނާއާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީގެ މިހާރުގެ ސަރުކާރު ޕާޓީން ވައުދުވި ގޮތައް ހިނގަމުންނުދާ ކަމަށެވެ. އާމިރު ސަލީމް ހުށައެޅި މި ބަހުސްގައި ދެ ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ރައްދުކުރިއިރު އިންތި ވަނީ ފައްޔާޒަށް ކުރާ ތުހްމަތުތައް ތަކުރާރުކުރައްވާފަ އެވެ.

" އެމްޑީޕީގެ މެމްބަރުން ވަރަށް ކަންބޮޑުވޭ އެމްޑީޕީގެ ސަަރުކާރުންވީ ވައުދުތައް ފުއްދިގެންނުދާތީ. އެމްޑީޕީން ވެރިކަމަށް އައިރުވީ ވައުދުތަކުގެ ތެރޭގައި އެމްއެމްޕީއާރުގެސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ވައުދުވި އެހެން ނަމަވެސް އެ މައްސަލަ ނުބެލޭތާގައި ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތެއްވެސް ވަނީ ހިންގާފައި. އެކަންވެސް ވަނީ ނުބެލި. މާލޭގެ ރައްޔިތުނަށް ބޯހިޔާހިކަން ފޯރުކޮށްދޭން އަޅުގަނޑުމެން ވައުދުވިން އެކަންވެސް މިހާތަނަށްވެސް ވަނީ ނުފުއްދިފައި. އެއީވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމްޑީޕީގެ އާއްމު މެމްބަރުން ހިއްސާކުރަމުންދޭ، އަދި މަރުތަކުގެ މައްސަލަތައްވެސް ބެލުމަށް އެމްޑީޕީން ވަނީ ވައުދުވެފައި. އަދި މި ދެންނެވި ވައުދުވެސް ނުފުއްދުނުތާގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާވެސް ވަނީ ނުބެލިފައި،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ވަނީ އެމްޑީޕީ ރަނގަޅަށް ތަމްސީލްވާނެ، އަދި އެ ޕާޓީގެ އަސާސްތަކާއި އުސޫލުތައް ނަގަހައްޓާނެ ވެރިކަމެއް ގާއިމުކުރަން ކަމަށެވެ. އެކަން ކުރެވޭނީ އޭނާ ޗެއާޕާސަން ކަމަށް އިންތިހާބު ކުރެވިގެން ކަމަށް އެމްޑީޕީގެ އާއްމު މެމްބރުން ގަބޫލު ކުރައްވާ ކަމަށް އިންތި ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީގެ ގިނަ މެމްބަރުން ފާހަގަކުރަނީ ސަރުކާރުން އެ މެމްބަރުން ބާކީކޮށްފައި ތިބި ވާހަކަ ނޫން ކަމަށާާއި ޕާޓީން އާއްމު މެމްބަރުން ބާކީކޮށްފައި ތިބި ވާހަކަ ކަމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީ ނުހިނގާކަން. ޖަގަހަތައް ނުހިނގާކަން، ހަރުގެތައް ނުހިނގާކަން. ޕާޓީގެ މައި އޮފީހާ ގުޅުމެއް ނެތްކަން"

"އަޅުގަނޑުމެންނާ ވާހަކަ ދެކެވުނު މެމްބަރުން ވިދާޅުވީ މައި ޕާޓީއަކާ ތިމަންނަމެންނަކާ އެއްވެސް ގުޅުމެއް ނެތޭ. ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެމްބަރުން ހޮވުނީމާ އެމީހުންނާ ގުޅާލާފައި ޕާޓީއަކުން ނެތޭ. މަރުހަބާ ކިޔާލާފައިވެސް ނެތޭ އަދި ކަންކަން ކުރާނެ ގޮތެއްވެސް އަންގަދީފައެއް ނެތޭ. އެ ބޭފުޅުންގެ ކަންބޮޑުވުން ހުރީ އެމްޑީޕީގެ ސަރުކާރެއް އޮވެމެ މަޖިލިސްގެ މެޖޯރިޓީއެއް އޮވެމެ ތާ އަބަދު ސަރުކާރު ބަދުނާމުކުރުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރަމުންދާ ވާހަކަ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޕީ ހިންގަމުންދަނީ ޑިމޮކްރޮޓިކް އުސޫލުތަކާ އެއްގޮތައް ކަމަށް އިންތި ވިދާޅުވިއިރު ފައްޔާޒު ވިދާޅުވީ މިހާރު އެ ޕާޓީން ޑިމޮކްރޮޓިކް އުސޫލުތައް ޕާޓީން ގެއްލެމުންދާ ކަމަށެވެ.

އޭގެ އިތުރުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ސަބަަބުން ޕާޓީގެ ގެއްލެމުންދާ އިތުބާރު އަނބުރާ ހޯދުން ކަމަށާއި އެކަމަށްޓަކައި ސަރުކާރުންވީ ވައުދުތައް ފުއްދަން ޖެހޭ ކަަމަށް އޭނާ ފާހަގަ ކުރެެއްވި އެވެ.

"ސްޓްރެޓްރިޖިކް އެކްޝަން ޕްލޭންގައި ވަޒީރާ ފައްޔާޒުއާ) ހަވާލު ކުރެވިފައިވާނެ ސޮފްހާ ނަމްބަރު 23އިން ފެށިގެން ސޮޕްހާ 97 އާ ހަމައަށް މައްސޫލިއްޔަތުތަކެއް، ވަރަށް ލަސްވެފައިވަނީ މުއްދަތުތައް ގޮސްފައިވަނީ އެކަން ވަޒީރު ކުރައްވަމުން ގެންދަވައިފި ކަމުގައި ވަނީނަމަ އިރާދަކުރެއްވިއްޔާ މި ޕާޓީއަށް އަލުން އިތުބާރު ހޯދާދޭނަން. ޕާޓީ އެކަތިގަނޑަކަށް ހަދައިދޭނަން. އޭރުން ހަމަ މަނިކުފާނާއެކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަނިކުފާނު އެހެން ޕާޓީއަކަށްވެސް ވަޑައިގަތުމުގެ ފުރުސަތުވެސް ނުދެއްވާ އަޅުގަނޑުމެން އެއްކޮން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެވޭނެ،" އިންތި ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ކަމަށްވާނަމަ ޕާޓީން އާއްމު މެންބަރުންނަށް އަޅާ ނުލުމާއި ޕާޓީ ނުހިނގާ އޮތުން ނިމުމަކަށް ގެންނާންޖެހޭ ކަމަށެވެ. އަދި ޕާޓީގެ ވަކި ބަޔަކު ބޭނުންވާ ގޮތައް ކަންކަން ހިނގުން ވެސް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޕާޓީ ތެރޭގައި އޮތް ފިތުނަ ނައްތާލަން އެބަޖެހޭ. މި ޕާޓީގެ އަސާސީ ގަވައިދުގެ ޗެޕްޓަރތިނެއްގެ ދިހަ ވަނަ މާއްދާގެ ވ ގައި އޮތް އެއްޗެއްް އަޅުގަނޑު އުއްމީދުކުރަން އިންތިއަށް އެނގިވަޑައިގަންނަވާނެ ކަމަށް. ހުރިހާ ވައްތަރެއްގެ ފިތުނައިން ޕާޓީ ތެރެއިން ނައްތާލުން. އަޅުގަނޑު އިތުރަށް އެއްޗެއް ދަންނަވާކަށް ނެތިން، އާއްމު މެމްބަރުން މި ކެމްޕެއިނާ ގުޅިގެން އެކަން ހިނގާފައި އޮތްވަރު ވަޒަންކޮށްލީމަ އެކަން އޮތްގޮތް އެނގޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

އިންތިއާ ފައްޔާޒުގެ ބަހުގެ ހަމަލާތަކުގައި ފައްޔާޒަށް ކުރި ތުހްމަތުތައް ބެލުމަށް އޭނާ އިންތިގެ ޓީމަށް ގޮވާލެއްވި އެވެ. އަދި ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމު އެންމެ ފުރިހަމަ ގޮތުގައި އިންތި އަދާކުރައްވާފައިނުވާކަމަށް ފައްޔާޒު ވިދާޅުވިއިރު އިންތި ވިދާޅުވީ ރާއްޖޭގެ ބިދޭސީންގެ މައްސަލަ ފައްޔާޒުއަށް ހައްލު ކުރެވިފައިނުވާކަމަށެވެ.